އަމުރަށް ނުކިޔަމަންތެރިވި ކަމަށް ތުހުމަތުކޮށް ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ އަށް ޝެޑިއުލްކޮށްފި އެވެ.

އުމަރުގެ މައްޗަށް ކުރާ ޝަރީއަތް މާދަމަ އަށް ޝެޑިއުލްކޮށްފައި މި ވަނީ އެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދެއްވުމަށް އުމަރު އެދިވަޑައިގެންފައި ވަނިކޮށެވެ.

އުމަރުގެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ ޖީ ސެކްޝަނުންނެވެ.

އުމަރުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ އަމަނަށް ގެއްލުން ލިބިދާނެ ފަދަ ވާހަކައެއް، ޕަބްލިކް ރެލީއެއްގައި އުމަރު ދެއްކެވި ކަމުގެ ތުހުމަތުގަ އެވެ.

އެ މައްސަލަ މާދަމަ އަށް ޝެޑިއުލްކޮށްފައި ވަނީ މެންދުރު 12 ޖަހާ އިރަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަށާއި އުއްތަމަ ފަނޑިޔާރަށް އުމަރު ސިޓީ ފޮނުއްވާފައި އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ ބަދަލުކޮށްދެއްވުމަށް އެދި އެވެ. އެ މައްސަލަ ބައްލަވާ ގާޒީގެ އަމަލު ކުރައްވާފައިވާ ގޮތަށް ބަލާ އިރު، އުމަރާ މެދު އިންސާފުން ޝަރީއަތް ހިންގިދާނެ ކަމަށް ގަބޫލު ނުކުރެއްވޭތީ އެދިވަޑައިގަތީ ކަމަށް ވެސް އުމަރުގެ ގާތް ބޭފުޅަކު ސަން އަށް ވިދާޅުވި އެވެ.

އުމަރުގެ މައްޗަށް ދައުލަތުން ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ޝަރީއަތުގައި އޭނާ އިޖުރާއީ ނުކުތާއެއް ނެންގެވުމުން ގާޒީ ނިންމަވާފައި ވަނީ އެއީ އިޖުރާއީ ނުކުތާއެއް ކަމަށް ބަލައިނުގެންފަ އެވެ.

ގާޒީ ވިދާޅުވީ އިޖުރާއީ ނުކުތާއެއްކަމަށް ބުނެ އުމަރު ފާހަގަކުރައްވާފައިވާ ކަމަކީ މައުޟޫއީގޮތުން އެ މައްސަލައިގައި ބެލިގެންދާނެ ކަމަކަށް ވާތީ، އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އެކަން ބެލެންނެތް ކަމަށެވެ. ގާޒީ އެގޮތަށް ނިންމެވުމުން އުމަރުގެ ވަކީލު ވަނީ އިޖުރާއީ ނުކުތާއެއް ކަމަށް ބަލައި ނުގަތް ކަމުގެ ލިޔުމަކަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ ކޯޓުން ނިންމާ ކޮންމެ ކަމަކަށް ލިޔުމެއް ދޫކުރަން ނުޖެހޭނެ ކަމަށެވެ.