ފަރުނީޗަރުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ދަމާސް ގުރޫޕުގެ ފަރާތުން ފަރުނީޗަރުގެ އިންޑެކްސް ބުރޭންޑްގެ ފަރުނީޗަރު ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފި އެވެ.
ތައިލޭންޑުގެ އިންޑެކްސް އިންޓަފާން ގުރޫޕާ ދަމާސް ގުޅިގެން ރޭ މާކެޓަށް ތައާރަފްކުރީ އިންޑެކްސް ފަރުނީޗާ އެވެ. "އިންޑެކްސް ލިވިން މޯލް"ގެ ޝޯރޫމް ހުންނަނީ މާފަންނު އީދު މިސްކިތާ ޖެހިގެންނެވެ. އެ ފިހާރަ ހުންނަނީ ދެ ފަންގިފިލާ އަކަށެވެ. ތިރީ ފަންގިފިލާގައި ހުންނަނީ ލިވިންރޫމް ފަރުނީޗަރެވެ. އަދި މަތީގައި ހުންނަނީ ބެޑްރޫމް އަދި އޮފީސް ފަރުނީޗަރެވެ.
ދަމާސް ގުރޫޕުގެ ޑިރެކްޓާ ކޯޕަރޭޓިވް އެފެއާޒް މުހަންމަދު ޝިހާބު ރޭ ވިދާޅުވީ އިންޑެކްސް ލިވިން މޯލް ފިހާރައިން ދުނިޔޭގެ މަޝްހޫރު ޑިޒައިނަރުންގެ ފަރުމާތައް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށާއި އެ ފިހާރައިން ލިބެން ހުރި ހުރިހާ ފަރުނީޗަރަކީ ވެސް ތިމާވެއްޓާ ރަހުމަތްތެރި ތަކެތި ކަމަށެވެ.
"މިތާ މިހިރަ ހުރިހާ އިންޑެކްސް ފަރުނީޗަރަކީ ވެސް އެކަމަށް ހާއްސަ ކުރެވިގެން ހައްދާ ގަހުން ހަދާފައި ހުރި ފަރުނީޗަރު. މި ހުރިހާ އެއްޗަކީ ވެސް ގުރީން ޕުރޮޑަކްޓްސް،" ޝިހާބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑެކްސް ފާނީޗަރަކީ ދިވެހިންނަށް އައު ބުރޭންޑަކަށް ނުވި ކަމުގައިވިޔަސް އެ ފިހާރައިގެ ސަބަބުން އިންޑެކްސް ފަރުނީޗާއިން ދޭ ގިނަ ހިދުމަތް ތަކެއް އަވަސްކަމާއި ފަސޭހަކަމާ އެކު ލިބޭނެ ކަމަށެވެ. އެގޮތުން ޝިހާބު ވިދާޅުވީ ޑިޒައިނާ އެއްގޮތަށް ފަރުނީޗަރު ސެޓް ޑިޒައިން ކޮށްދިނުމާއި އެ ތަނުން ލިބެން ހުރި ފަރުނީޗަރާއި އެއްގޮތަށް ގޭގެ ޑިޒައިން ކުރާނެ ގޮތް ކަސްޓަމަރުންނަށް ބުނެދޭނެ ކަމަށެވެ.
"ކުރިން ދުރުން ލިބެމުން އަންނަ ހިދުމަތްތައް ދެން ކައިރިން ލިބޭނެ،" ޝިހާބު ވިދާޅުވި އެވެ.
އޭޝިޔާގެ ގައުމުތަކާއި އެމެރިކާގެ ގައުމުތަކުގައި ވެސް ފަރުނީޗަރުގެ ވިޔަފާރިކުރުމުގައި 35 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިންޑެކްސް އިންޓަފާން ގުރޫޕާ އެއްކޮށް ދަމާސް އިން ފެށި އިންޑެކްސް ފަރުނީޗަރު ފިހާރައިގެ މަގުސަދަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ހިދުމަތް ދިނުން ކަމަށް ޝިހާބު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގޮންޖެހުންތަކާ ކުރިމަތިލައިގެން ކަސްޓަމަރުން ބޭނުންވާ ގޮތަށް ހިދުމަތް ދޭނީ. އަޅުގަނޑުމެން އެކަމުގައި ގޮންޖެހުންތައް ގިރާކުރަން މިތިބީ ތައްޔާރަށް." ޝިހާބު ވިދާޅުވި އެވެ.