19:00


ނިމިގެންދިޔަ ޑޯނަރސް ކޮންފަރެންސުން ތިން އަހަރު ދުވަހުގެ ތެރޭ ތިން ސަތޭކަ ތޭރަ މިލިޔަން ޑޮލަރު ލިބޭނެ ކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ އެވެ.


ނައިބް ރައީސް މިކަން ހާމަކުރެއްވީ، ބަނޑޮސް އައިލެންޑް ރިސޯޓްގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށްދިޔަ ޑޯނަރސް ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ޑޯނަރސް ކޮންފަރެންސް ނިންމަވާލައްވަމުން، ނައިބު ރައީސް އިއްވެވި ބަޔާނުގަ އެވެ.


ޑޯނަރސް ކޮންފަރެންސް ނިމުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިކޮންފަރެންސާބެހޭ އިތުރު މަޢްލޫމާތު ދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވާހަކަފުޅު ދެއްކެވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ތިންސަތޭކަ ތޭރަ މިލިއަން ޑޮލަރުގެ ތެރެއިން މިއަހަރުގެ ތެރޭގައި، ސަތޭކަ ދިހަ މިލިއަން އެމެރިކާ ޑޮލަރު، ދިވެހި ސަރުކާރަށް ލިބިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވި އެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލިބުނު ވަރަށްބޮޑު ރޯއްޖެއް ކަމަށާއި، މިފައިސާ ބޭނުންކޮށްގެން، ރާއްޖޭގެ ތަރައްޤީއާއި، ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމުގައި މިހާރަށްވުރެ މާރަނގަޅަށް، މާބޮޑަށް މަސައްކަތް ކުރެވިގެންދާނެކަމީ، ޝައްކު ކުރައްވާ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ.


ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ވާހަކަފުޅުގައި، މިކޮންފަރެންސްގެ ހަމައެކަނި ބޭނުންފުޅަކީ، ފައިސާ ހޯއްދެވުން ނޫން ކަމުގައި ވިދާޅުވި އެވެ. އަދި މިކޮންފަރެންސްގައި ބައިވެރިވި، ޒަމާނުއްސުރެ ރާއްޖެއަށް އެހީވެދެމުން އަންނަ ޤައުމުތަކާއި ޖަމާޢަތްތަކުން މިހާރަށްވުރެ ބޮޑަށް އެހީވެދޭނެ ކަމުގެ ޔަޤީންކަން ދެއްވި ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. މީގެއިތުރުން، ރާއްޖެއަށް އެހީވެދެއްވުމުގެ އިތުރުން، ރާއްޖޭގެ ތަރައްޤީގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް ދެއްވިކަންވެސް އެއީ ވަރަށް ކުލަގަދަކޮށް ފާހަގަކުރައްވާ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.