30 Jun 2014, 21:10
ކަސްޓަމްސްގެ ޑިފާޓްމަންޓްތަކަށް ހުޅުވާލައިގެން ބާއްވާ އެސްޓީއޯ ނޫފަހި ސީއާރުސީ ކަޕް 15 މިއަދު ފަށައިފި އެވެ.
މިއަދު ހަވީރު މާފަންނު މިނީ ގްރައުންޑްގައި ފެށި މި މުބާރާތް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޕީޕީ ޕްލަސް 007 އާއި އެޑްމިން ބޯއީސް އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުން ޕީޕީ ޕްލަސް 007 މޮޅުވީ 5-2 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕީޕީ ޕްލަސް 007ގެ ޖާޒީ ނަންބަރު ހަތެއް ނާޝިދު އަބްދުލް ޝުކޫރެވެ.
މިއަދު ފެށި 15 ވަނަ ސީއާރުސީ ކަޕްގައި މި އަހަރު ޖުމްލަ 12 ޓީމެއް ބައިވެރިވެފައިވާ އިރު، އެ ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހާލައިފަ އެވެ. ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވާ އިރު، އެންމެ ގިނަ ޕޮއިންޓް ހޯދި ތިން ވަނަ ޓީމަށް ވެސް ކުއާޓާގެ ޖާގައެއް ލިބޭނެ އެވެ.
ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން އިސްނަގައިގެން ބާއްވާ ސީއާރުސީ ކަޕަކީ ރާއްޖޭގެ އެންމެ ދުވަސްވީ ފުޓްސަލް މުބާރާތެވެ.