އިންޓަ މިލާންގައި ހާވިއާ ޒެނެއްޓީ ބޭނުންކުރި ހަތަރު ނަންބަރު ޖާޒީ ރިޓަޔާކޮށް، އެ ކްލަބުގެ ނައިބު ރައީސްގެ މަގާމު ޒެނެއްޓީއާ ހަވާލުކޮށްފި އެވެ.

އިންޓަގެ ކެޕްޓަން ކަމުގެ މަގާމުގައި ހުރެ މި އަހަރު ޒެނެއްޓީގެ ފުޓްބޯޅަ ކެރިޔަރު ނިންމާލި އިރު، އޭނާ ވަނީ 19 އަހަރު ދުވަހު ކުޅުނު އިންޓަ މިލާނާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި އިންޓައާ އެކު ޒެނެއްޓީ ވަނީ ފަސް ފަހަރު އިޓާލިއަން ސެރީއާ އާއި، ހަތަރު ފަހަރު ލީގު ތައްޓާއި، ޗެމްޕިއަންސް ލީގު ތައްޓެއް އަދި ކްލަބު ވޯލްޑް ކަޕެއް ކާމިޔާބުކޮށްފައެވެ.

އިންޓަގެ ރައީސް އެރިކް ތޯހިރު ބުނީ، އިންޓާގައި ދެން ޒެނެއްޓީ ބޭނުންކުރި ހަތަރު ނަންބަރު ޖާޒީ އެހެން ކުޅުންތެރިއަކަށް ބޭނުން ނުކުރެވޭ ގޮތަށް ނިންމީ އެކްލަބުގެ ބޯޑުން ކަމަށެވެ.

"ދެ އަހަރު ދުވަހު ކްލަބުގެ ނައިބު ރައީސްކަމުގެ މަގާމުގައި ޒެނެއްޓީ ދެމިހުންނާނެ،" 'ލަ ގެޒެޓާ ޑެލޯ ސްޕޯޓްސް' އަށް އިންޓަގެ ރައީސް ދިން އިންޓަވިއުއެއްގައި ބުންޏެވެ. "ކްލަބުގެ ބޯޑުން ނިންމީ އިންޓަގެ ހަތަރު ނަންބަރު ޖާޒީ ރިޓަޔާކުރުމަށް."

އާޖެންޓީނާގެ ބެންފީލްޑުން 1995 ވަނަ އަހަރު އިންޓައާ ގުޅުމަށް ފަހު، ޒެނެއްޓީ ވަނީ އެކްލަބަށް ކުޅުނު 615 މެޗުން 12 ލަނޑު ކާމިޔާބުކޮށްދީފައެވެ.