30 Jun 2014, 15:47
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރާ އެއްވެސް ކަމަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނުބެހުމަށާއި އެފަދަ ކަމެއްގެ ސަބަބުން ބައިނަލް އަގުވާމީ ފުޓްބޯޅަ މުބާރާތްތަކުން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރުދީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ (އޭއެފްސީ) ނެރުނު ބަޔާނާ ގުޅިގެން އެ އިދާރާއިން އޭސީސީގެ ކިބައިން މާފަށް އެދިއްޖެ އެވެ.
ބައިނަލްއަގްވާމީ ފުޓްބޯޅައިން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރުދީ އޭއެފްސީން ބަޔާނެއް ނެރުނީ، ހުސްވި މަހު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ޓިކެޓް ވިއްކުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޝަންސަންސް ކޮމިޝަންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވަނިކޮށެވެ.
އޭސީސީން މި ހިނގާ ޖޫން މަހުގެ 4 ވަނަ ދުވަހު އޭއެފްސީ އަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި ޖޫން މަހުގެ 26 ވަނަ ދުވަހު އޭއެފްސީ އިން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، 26 މޭ 2014ގައި އެ އިދާރާ އިން ނެރުނު މީޑިއާ ރިލީޒްގެ ސަބަބުން އޭސީސީގެ މަސައްކަތަށް އެއްވެސް ކަހަލަ މައްސަލައެއް ކުރިމަތިވެފައިވާ ނަމަ އެކަމާ މައާފަށް އެދޭ ކަމަށެވެ.
"އެންޓި ކޮރަޕްޝަން ގާނޫނުގެ ދަށުން ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަކުރުމަށް ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލިބިގެންވާ ހައްގަށް އޭއެފްސީން އެންމެ ފުރިހަމައަށް އިޙްތިރާމް ކުރަން،" އޭއެފްސީގެ ސީޓީގައިވެ އެވެ.
އެ ސީޓީގައި އިތުރަށް ބުނެފައި ވަނީ، އެފްއޭއެމުން އިންތިޒާމް ކޮށްގެން ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް 2014 އާ ގުޅިގެން ހިނގައި ދިޔަ ކަންކަމާ ގުޅިގެން އޭސީސީން އަމަލުކުރި ގޮތުގެ މައުލޫމާތު އޭއެފްސީ އަށް ސާފުކޮށްދީފައި ވާތީ ޝުކުރު އަދާ ކުރާ ކަމަށެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ 'ސަން' އަށް މިއަދު ވިދާޅުވީ، ކަޅު ބާޒާރުގައި ޓިކެޓް ވިއްކަން އުޅުނު މައްސަލަ އޭރު ހާލަތާ ގުޅިގެން ހުއްޓަވައި ލެއްވި ނަމަވެސް އެ މައްސަލަ އަލުން ބައްލަވާނެ ކަމަށެވެ.
"އަޅުގަނޑުމެން ބަލަން އުޅުނީ، އޭއެފްސީ ނުވަތަ ފީފާ އިން އެފްއޭއެމާ ދެމެދު ހިންގާފައިވާ މުއާމަލާތެއްގެ މައްސަލައެއް ނޫން. އަޅުގަނޑުމެން ބަލަން އުޅުނީ، އަޅުގަނޑުމެންގެ ރާއްޖޭގެ އެތެރޭގެ މަސްލަހަތާ ގުޅުން ހުރި މައްސަލައެއް. އެހެން ކަމުން އޭއެފްސީން ވެސް ޖަވާބު ދެއްވާފައި އެވަނީ، އަޅުގަނޑުމެންނަށް އެ މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް." ލުތުފީ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވީ، އޭސީސީން ވާނީ، ފީފާ އަށް ވެސް އެ މައްސަލަ ހިނގައި ދިޔަ ގޮތުގެ މައުލޫމާތު ސާފުކޮށްދީފައި ކަމަށާއި ފީފާ އިން ޖަވާބު ލިބުމުން އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.