30 Jun 2014, 15:25
ރާއްޖޭގެ ތަކެތީގެ އަގުތައް ނުވަތަ އިންފުލޭޝަން ރޭޓް އަހަރެއް ތެރޭގައި 3.19 ޕަސެންޓަށް މައްޗަށް އުފުލިއްޖެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޕްލޭނިން ޑިޕާޓްމަންޓުން އާންމު ކޮށްފައިވާ އެންމެ ފަހުގެ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 3.19 ޕަސެންޓުން މަތީގަ އެވެ. އޭޕްރީލް މަހުގެ ނިޔަލަށް އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓަށް ބަލާ އިރު އެ އަދަދު ވަނީ 2.30 ޕަސެންޓް މައްޗަށް ޖެހިފަ އެވެ.
މިދިޔަ މެއި މަހުގެ ނިޔަލަށް ރާއްޖޭގެ އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓް އެންމެ ބޮޑަށް މައްޗަށްގޮސްފައިވާ ބައިތަކަށް ބަލާ އިރު ކާބޯތަކެތީގެ ބައިން 3.13 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު ސިއްހީ ހިދުމަތުގެ ބައިން ވަނީ 12.13 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.
މެއި މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ދުންފަތުގެ ބައިން 0.31 ޕަސެންޓް އަދި ހިފާގެންގުޅޭ ސާމާނުގެ ބައިން 1.74 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.
މިދިޔަ މޭ މަހުގެ އިންފްލޭޝަން 3.19 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު އެ މަހުގެ ތެރޭގައި ރާއްޖޭގައި އެންމެ އަގު މައްޗަށް ގޮސްފައި ވަނީ ސިއްހީ ހިދުމަތުގެ ބައިންނެވެ. އެގޮތުން އެބައިން 12.13 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު ތައުލީމުގެ ބައިން 6.38 ޕަސެންޓް އަދި ކުޅިވަރާއި ސަގާފީ ކަންކަމުގެ ބައިން 5.10 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ.