ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16ގައި މިރޭ ނައިޖީރިއާ އާ ދެކޮޅަށް ނުކުންނަ އިރު ފްރާންސް ޓީމް އޮތީ ނައިޖީރިއާގެ މައްޗަށް ކުރިހޯދުމަށް ތައްޔާރަށް ކަމަށް ފްރާސް ޓީމުގެ ކޯޗް ޑިޑިއާ ޑިޝެމްޕްސް ބުނެފި އެވެ.

ފްރާންސްއާ ދެކޮޅަށް ނައިޖީރިއާ މިރޭ ނުކުންނާނީ ރާއްޖޭ ގަޑިން 9:00 ގަ އެވެ. މި މެޗު ކުޅޭނީ ބްރެޒިލްގެ ބްރެސީލިއާ ސިޓީގެ އެސްޓޭޑިއޯ ނޭސިއޮނަލްގަ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ އަށް ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތަށި ފްރާންސް ޓީމުން ހޯދި އިރު ޓީމުގެ ކެޕްޓަނަކަށް ހުރި ޑިޑިއާ ބުނީ، ނައިޖީރިއާ އަކީ ބަލި ޓީމެއް ނޫން ކަމަށާއި މެޗަށް ނުކުންނަ އިރު ނައިޖީރިއާ ޓީމުގައި ފްރާންސް ޓީމުން ޖެހިލުން ވާވަރުގެ ކުޅުންތެރިއަކު ނެތް ކަން ފާހަގަ ކޮށްލެވޭ ކަމަށެވެ. އަދި ފްރާންސުން ނުކުންނާނީ ނައިޖީރިއާ މައްޗަށް ކުރިހޯދައި ކުއާޓާ އަށް ދިއުމުގެ އަޒުމާ އެކު ކަމަށް ވެސް ކޯޗް ޑިޑިއާ ބުންޏެވެ.

ޔުއެންޓަސް އަދި މާސޭ އަށް ވެސް ކޯޗުކަން ކޮށްދީފައިވާ ޑިޑިއާ ބުނީ، މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެ އެއް ވަނާގައި އޮވެ ހަތް ޕޮއިންޓާ އެކު ދެ ވަނަ ބުރަށް ދަތުރު ކުރި ނަމަވެސް، ނައިޖީރިއާ އަކީ ވެސް އެޓީމް ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފަިއވާ މޮޅު ޓީމެއް ކަމަށެވެ. އަދި މެޗުގެ ކުރީ ކޮޅު ނައިޖީރިއާގެ މައްޗަށް ކުރި ހޯދިދާނެ ކަމަށް ވެސް ކޯޗް ޑިޑިއާ ބުންޏެވެ.

"އަހަރުމެން މިނުކުންނަނީ ހަމަ ފައިނަލް މެޗަކަށް. މެޗަށް ނިކުންނަ އިރު ޓީމުގައި އަނިޔާގެ ކުދިކުދި މައްސަލަތަކެއް އެބަހުރި. އެކަމަކު ވެސް ނައިޖީރިއާ މައްޗަށް ކުރި ހޯދަން ޓީމް އޮތީ ތައްޔާރަށް. ކުޑަ ބަދަލެއް ފުރަތަމަ 11 އަށް އަޔަސް، މާކަ ބޮޑު ބަދަލެއް ނާންނާނެ،" ފްރާންސްގެ ގައުމީ ޓީމުގެ ކޯޗް ކަމާ 2012 ވަނަ އަހަރު ހަވާލުވި ޑިޑިއާ މިރޭ މެޗުގެ ކުރިން ބްރެޒިލްގެ ނޫސްތަކަށް ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.

މިފަހަރުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރަށް ނައިޖީރިއާ ދަތުރުކުރީ ގްރޫޕް އެފްގައި ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި މީގެ ކުރިން ނައިޖީރިއާ އާއި ފްރާންސް ބައްދަލުކޮށްފައެއް ނުވެ އެވެ. އެކަމަކު 2009 ވަނަ އަހަރު މިދެ ޓީމް ކުޅުނު ރަހުމަތްތެރިކަމުގެ މެޗް 1-0 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ނައިޖީރިއާ އެވެ.