މަރުކަޒީ ބެންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުރަތަމަ ފަހަރަށް ދިރާސާ ރިޕޯޓެއް ނެރެފި އެވެ.

ނަސަންދުރާ ޕެލަސް ހޮޓަލްގައި މިއަދު މެންދުރު ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ރިޕޯޓް ނެރެދެއްވީ ކުރީގެ ރައީސް އަދި އެމްއެމްއޭގެ ފުރަތަމަ ގަވަރުނާ މައުމޫން އަބުދުލްގައްޔޫމް އެވެ.

އެރިޕޯޓް ނެރުމުގެ ހަފްލާގައި ރައީސް މައުމޫން ވިދާޅުވީ އެމްއެމްއޭ ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށާއި އެ ދިރާސީ ރިޕޯޓްއަކީ ވަރަށް މުހިންމު މަގުސަދެއްގައި ނެރުއްވާފައިވާ ރިޕޯޓެއް ކަމަށެވެ.

"ދިރާސާތައް މެދުވެރިކޮށް ކަނޑައަޅާ ސިޔާސަތުތައް ނޫނީ ކާމިޔާބީއެއް ނުވާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން އެމްއެމްއޭ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ މިއަދަކީ އެމްއެމްއޭގެ 33 އަހަރުގެ ތާރީހުގައި ވަރަށް މުހިންމު ދުވަހެއް ކަމަށެވެ. އެގޮތުން އެ ރިޕޯޓަކީ މިރާއްޖޭގައި މިހާތަނަށް ނެރެވޭ އެފަދަ ފުރިހަމަ ދިރާސާއެއްގެ މައްޗަށް އެކުލަވާލެވިފައިވާ ފުރަތަމަ ރިޕޯޓް ކަމަށް ވިދާޅުވި އެވެ.

"މިއަދު މިނެރެވޭ ރިސާޗް ޕޭޕޭގައި ހިމެނެނީ އިލްމީ މަޒުމޫންތަކެއް، މި އީ މިގޮތަށް އާންމުންނަށް ނެރެވޭ ފުރަތަމަ ފަހަރު،" ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ ބޮޑެތި މުހިންމު ކަންކަން ނިންމަންވާނީ ދިރާސާތަކުގެ މައްޗަށް ކަމަށާއި އެގޮތުން އެމްއެމްއޭގެ ރިސާޗު ޑިވިޝަނުން ތަފާތު މުހިންމު ދިރާސާތައް ކުރަމުންދާ ކަމަށެވެ.

މިއަދު އެމްއެމްއޭ އިން ނެރެފައިވާ ދިރާސާ ރިޕޯޓްގައި ހިމެނެނީ ރާއްޖޭގެ އިގްތިސާދާ ގުޅުން ހުރި ބައެއް ދާއިރާތަކުގެ މައްޗަށް ލިޔެފައިވާ ފީޗާ ރިޕޯޓްތަކާއި ކުރު ރިޕޯޓްތަކެކެވެ.