30 Jun 2014, 15:00
ރ. އުނގޫފާރުގައި އަވިން ހަކަތަ އުފައްދާ 119 ކިލޯވޯޓްގެ ނިޒާމެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިޔަށްދާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މަޝްރޫގެ ދަށުން އުނގޫފާރު ސްކޫލާއި ސެވަރޭޖް ޕްލާންޓް އަދި އުނގޫފާރު އިންޖީނުގޭގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމްކުރާނެ ކަމަށާއި އެ ނިޒާމުގެ ދަށުން ދުވާލު ކަރަންޓް ބޭނުންކުރެވޭ އެންމެ މަތީ މިންވަރުގެ 30 ޕަސެންޓަށް އުފައްދައިދޭނެ ކަމަށެވެ. އަދި އެ ނިޒާމުތައް ގާއިމްކުރުމުން މަހެއްގެ މައްޗަށް 3600 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭނެ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނީ ޖަރުމަނުގެ ސަރުކާރުގެ ޖީއައިޒެޑް އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ގުޅިގެން ތަންފީޒުކުރަމުންދާ "ސަޕޯޓް ފޯ ދަ ކްލައިމެޓް ނިއުޓްރަލިޓީ ސްޓްރަޓެޖީ އޮފް ދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރެވެނީ ދެ ރަށެއްގައި ކަމަށާއި އެގޮތުން ފުރަތަމަ މަސައްކަތް ފަށާފައި ވަނީ އުނގޫފާރުގައި ކަމަށެވެ.
ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ޔޫވީ އިންޓާނޭޝަނަލް އާ ހަވާލުކޮށްގެން އުނގޫފާރުގައި ފެށި މަސައްކަތް މި އަހަރުގެ އޮގަސްޓް މަސްތެރޭގައި ނިންމާލައި ޓެސްޓް ކުރެވޭވަރު ވާނެކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.