މިދިޔަ އަންގާރަ ދުވަހު ރާއްޖޭގެ ރަށެއްގައި މޫދަށް އެރި މަސް ބާނަން ހުރި ދިވެއްސެއްގެ ކަރަށް ފުންމައިގެން އައި މަހެއް ވަދެ އޭނާ މަރުވެއްޖެ ކަމަށް ސްރީ ލަންކާގެ ސަންޑޭ ޓައިމްސް އިން ބުނެފި އެވެ.

ސަންޑޭ ޓައިމްސް އިން ބުނެފައި ވަނީ މަހެއްގެ ތުން ކަރަށް ވަދެ މަރުވެފައި ވަނީ 41 އަހަރުގެ އަބްދުﷲ ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އަބްދުﷲ އަކީ ފަސް ކުދިންގެ ބައްޕައެއް ކަމަށް އެ ނޫހުން ބުނެފައިވެ އެވެ. އޭނާ މަރުވެފައި ވަނީ ކޮލޮމްބޯ ސެންޓްރަލް ހޮސްޕިޓަލުގަ އެވެ.

ކޮރޮނޯސް ކޯޓަށް ހެކިބަސް ދެމުން އަބްދުﷲގެ ޅިޔަނެއް ކަމަށްވާ އަބްދުﷲ ވާހިދު، 48، ބުނެފައި ވަނީ އެ ހާދިސާ ހިނގައި ދިޔަ އިރު އޭނާ ހުރީ އަބްދުﷲ ކައިރީގައި ކަމަށެވެ.

"އަހަރުމެން ތިބީ ދޯނީގައި. އަހަރުމެންނާ ހައެއްކަ ފޫޓު ދުރުގައި މޫދުގައި އަބްދުﷲ ހުއްޓާ މަހެއް ފުންމައިގެން އޭނާގެ ކަރަށް ވަދެ ތާށިވީ،" އޭނާ ބުންޏެވެ.

އެ ހާދިސާއަށް ފަހު އަބްދުﷲ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް އަބްދުﷲގެ ކަރުގައި ތާށިވި މަސް ޑޮކްޓަރުންނަށް ނެރެވިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

ހެކިބަސް ދިން އެހެން މީހެއް ކަމަށްވާ އަހުމަދު، 29، ބުނެފައި ވަނީ އަބްދުﷲގެ ކަރުގައި މަސް ތާށިވި މަންޒަރު އޭނާ އަށް ފެނުނު ކަމަށާއި އެހީވުމަށް ޓަކައި ގޮސް މަސް ނައްޓާލަން އުޅުމުން އަބްދުﷲ ހަޅޭކަކާއެކު ހޭނެތުނީ ކަމަށެވެ.

".... ވަރަށް ގިނައިން ލޭ އަންނަން ފެށި އެވަގުތު. އަހަރެން ގޮސް އެ މަސް ނަގަން އުޅުނިން. އެކަމަކު އަބްދުﷲ ހަޅޭކަކާއެކު ހޭނެތުނީ،" އޭނާ ބުންޏެވެ.