ހއ. ބާރަށު ކޯޓްގައި ނުނިމި ހުރި މައްސަލަތައް ނިންމުމަށް އެ ރަށަށް ގާޒީއަކު ދިޔުމުން ރައްޔިތުން ނުކުމެ ކޯޓްތެރެ އަށް ވަދެ ހިތްމަނުޖެހުން ފާޅުކުރަމުން އެބަދެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ބާރަށު ކޯޓްގައި ނުނިމި ހުރި މައްސަލަތައް ނިންމުމަށްޓަކައި އެ ރަށަށް ގާޒީއަކާއި ޕީޖީގެ އޮފިޝަލުންތަކެއް ދިއުމުން، އެ ކޯޓް ތެރެއަށް ގިނަ އަދަދެއްގެ ބަޔަކު ވަދެ ހިތްހަމަނުޖެހުންފާޅު ކުރަމުންދާ ކަމަށެވެ. އަދި ކޯޓް ތެރެއަށް ވަދެ ތިބި ރައްޔިތުން ދުރަށް ލުމަށްޓަކައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަން ވިދާޅުވި އެވެ.

ބާރަށު ކޯޓް ތެރެއަށް ވެދެ ހުރި ރައްޔިތަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ސަން އަށް މައުލޫމާތު ދެމުން މިއަދު ބުނީ އެ މީހުން ކޯޓް ތެރެއަށް ވަދެގެން ހިތްހަމަނުޖެހުން ފާޅުކުރަމުންދަނީ 2007 އަހަރު އެ ރަށު ރައްޔިތުންތަކެއް ނުކުމެ ސްކޫލް ތަޅު އެޅުވި މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ހުކުމްކުރާތީ ކަމަށެވެ. އަދި ސްކޫލް ތަޅު އަޅުވައި ކިޔެވުން ހުއްޓާލަން ޖެހުނީ އެ ރަށުގެ ވަރަށް ގިނަ ރައްޔިތުން އިސްނަގައިގެން ކުރި ކަމެއް ކަމަށާއި އެކުމުގައި ޝާމިލްވާ ހުރިހާ އެންމެންނަށް ހައްގު އަދަބު ދިނުމަށް ކަމަށް އެ މީހާ ސަން އަށް ކިޔައިދިންނެވެ.

"ކިހިނެއްތޯ އެންމެ ހަތަރު މީހުން ނުކުމެ ސްކޫލެއް ބަންދު ކުރާނީ. ދެ ހާސް ހަތް ވަނަ އަހަރު ސްކޫލް ބަންދު ކުރުމުގައި މި ރަށުގެ ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވި. އެ މައްސަލާގައި އެންމެ ހަތަރު މީހެއްގެ މައްޗަށް ހުކުމްކޮށްގެން ނުވާނެ. އެއީ އިންސާފެއް ނޫން." ބާރަށު ކޯޓް ތެރޭގައި ހުރި މީހަކު ބުންޏެވެ.