ޕެރިސް (ޖޫން 30) : ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ހިނގަމުންދާ ހަނގުރާމައާއި ތަޅާފޮޅުންތަކުގައި މި އަހަރުގެ ޖަނަވަރީން ފެށިގެން މިހާތަނަށް 7000 ހާހަށް ވުރެ ގިނަ އިދިކޮޅު ހަނގުރާމަވެރިން މަރުވެއްޖެ އެވެ.

މިކަން ހާމަކުރަމުން ސޫރިޔާއާ ސަރުކާރާ އިދިކޮޅު މުސްތަގިއްލު ޖަމާއަތެއް ކަމަށްވާ "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ބުނީ ތަޅާފޮޅުންތައް ކުރިޔަށް ދަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އެންމެ ހަރުކަށި ދެ ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް)ގެ ހަނގުރާމަވެރިންނާއި އަލްގާއިދާ އަށް ނިސްބަތްވާ "ޖަބްހަތުއްނުސްރާ"ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެމެދުގަ އެވެ.

މި ހަނގުރާމައިގެ އަސީރުންގެ ގޮތުގައި "ދާޢިޝް" އިން ހައްޔަރުކޮށްފައިވާ އެތައް ސަތޭކަ ބައެއްގެ ތެރެއިން 68 މީހަކަށް އެޖަމާއަތުން ދާދި ފަހުން މަރުގެ އަބަދު ދީފައިވާ ކަމަށާއި މި 68 އަސީރުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ "ދާޢިޝް"ގެ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ ސޫރިޔާގެ ރަށްތައް ކަމަށްވާ ހަލަބް އާއި ހަސަކާއާއި ދީރުއްޒޫރް އާއި އައްރައްޤާ ގައި ކަމަށްވެސް "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ބުނެ އެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ކާމިޔާބު ލިބުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ހަނގުރާމަވެރިންގެ ޖަމާއަތްތައް ގިނަވުމާއި މިޖަމާއަތްތަކުގެ ފިކުރާއި އައިޑިއޮލޮޖީ ތަފާތުވުމުގެ އިތުރުން ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ވުރެ އަމިއްލަ އެދުން ކުރިޔަށްނެރެ ހުރިހާ ހަނގުރާމަވެރިންގެ ޒަޢާމަތު ހޯދުމަށް ކޮންމެ ޖަމާއަތަކުން ވެސް މަސައްކަތް ކުރަމުން ގެންދިޔުން ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.

ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މަގްސަދްތަކާއި ލަނޑުދަނޑިތައް ވެސް ވަރަށް ބޮޑަށް ތަފާތެވެ. މިގޮތުން ހަނގުރާމަ ވެރިންގެތެރޭގައި ހިމެނޭ އެންމެ ބާރުގަދަ އަދި ބައިނަލްއަގްވާމީ ސަޕޯޓް ލިބިފައިވާ ހަމަައެކަނި ޖަމާއަތް ކަމަށްވާ ފްސީރިޔަން އާމީ ޖަމާއަތުގެ މަގްސަދަކީ ބައްޝާރުގެ ޚުދު މުޚްތާރު އަދި އަނިޔާވެރި ވެރިކަން ވައްޓާލުމަށް ފަހު ސޫރިޔާގައި ހުޅަނގުގެ ޑިމޮކްރަސީގެ މައްޗަށް ބިނާވެފައިވާ ވެރިކަމެއް ގާއިމް ކުރުމެވެ.
އަލްގާއިދާ އަށް ނިސްބަތްވާ "ޖަބްހަތުއްނުސްރާ" ޖަމާއަތަކީ ސޫރިޔާގައި އަލްގާއިދާގެ ހަރުކަށި ފިކުރަށް ނިސްބަތްވާ ވެރިކަމެއް ގާއިމްކޮށް އަލްގާއިދާގެ ލީޑަރު ޑރ. އައިމަނުއްޒަވާހިރީގެ ޒައާމަތުގެ ދަށުން ދުނިޔޭގެ ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މަރުކަޒަކަށް ސޫރިޔާ ހެދުމެވެ.

"ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް) ނުވަތަ "އައިސިސް" ޖަމާއަތުގެ މަގްސަދަކީ އިރާގާއި ސޫރިޔާ ހިމެނޭގޮތަށް އެމުޅި ސަރަހައްދުގައި އިސްލާމީ ޚިލާތުގެ ނަމުގައި ޚިލާފަތުގެ ދައުލަތެއް ގާއިމް ކުރުން ކަމަށް އެޖަމާއަތުން ބުނެ އެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރެއިން އެންމެ ލޭއޮހޮރުވުން ބޮޑު ތަޅާފޮޅުމެއް ހިނގަމުންދަނީ "ދާޢިޝް"އާއި "ޖަބްހަތުއްނުސްރާ" ޖަމާއަތާ ދެމެދުގަ އެވެ. މިދެ ޖަމާއަތުގެ ދެމެދުގައިވާ ހަތުރުވެރިކަމުގެ އަސްލަކީ އަލްގާއިދާގެ ވެރިޔާ ޑރ. އައިމަނުއްޒަވާހިރީގެ ޒައާމަތުގެ ދަށުން އެޖަމާއަތް ނުކުތުންކަމަށްވެ އެވެ. "ދާޢިޝް"އަކީ އިރާގުގައި އުފެދުނު އަދި ކުރިން އަލްގާއިދާގެ ވިއުގައިގެ ތެރޭގައި ހަނގުރާމަ ކުރަމުން ގެންދިޔަ ޖަމާއަތެކެވެ. މިޖަމާއަތުން ކޮންޓްރޯލްކުރާ ސަރަހައްދުތަކެއް އިރާގުގެ އިތުރުން ސޫރިޔާގައި ވެސް މިހާރު އެބައޮތެވެ. (އަލްޖަޒީރާ)