ވަދުއަޅަން ނުކުމެ އުޅުނު ބ. އޭދަފުށީ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، 40 ފޫޓު ދިގުމިނުގެ އެ ދޯނި މިއަދު ހެނދުނު 9:45 ހާއިރު ވަންދޫ މާފަރު ފަރުކައިރިއަށް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅީ، އެ ދޯނި ބަންޑުން ޖަހާލި ސަރަހައްދުން ދިޔަ އެހެން ދޯންޏަކުން ކަމަށެވެ.

ބަންޑުން ޖަހާލި އިރު އެ ދޯނީގައި ދެމީހުން ތިބި ކަމަށާއި އެ ދެމީހުންވެސް މިހާރު ސަލާމަތް ކޮށްފައިވާ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އެ ދެ މީހުންގެ ތަފްސީލެއް އަދި ނުލިބެއެވެ.

އޭދަފުށީ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ނައުރިފް ވިދާޅުވީ، ބަންޑުން ޖަހާލި އެރަށު ދޯނި ފުރަތަމަ އެރީ ފަރަށް ކަމަށެވެ. އަދި ފަރަށް އަރާފައި އޮއްވައި ޖެހި ރާޅަކުން ދޯނި ބަންޑުން ޖަހާލީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބަންޑުން ޖަހާލި ވަދު ދޯނި ފުންކުރުމުގެ މަސައްކަތް އޭދަފުށީ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލު ވިދާޅުވި އެވެ.