30 Jun 2014, 14:10
މާލިއްޔަތު ކޮމެޓީގައި 13 މެމްބަރުން އަދި 241 ކޮމެޓީގައި 14 މެމްބަރުން ތިބޭ ގޮތަށް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލި ވަގުތީ ކޮމެޓީ ރިޕޯޓް ކޮމެޓީން ހުށަހެޅި ގޮތަށް ފާސް ކުރުމަށް ފެންނަ ކަަމަށް 49 މެންބަރަކު ވޯޓް ދެއްވި އިރު ނުފެންނަ ކަމަށް ތިން މެންބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ ހަތް މެންބަރުން ތިއްބެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލާ ވަގުތީ ކޮމެޓީގެ ރިޕޯޓް މަޖިލީހު ފާސްކޮށްފައި ވަނީ މާލިއްޔަތު ކޮމެޓީގެ މެންބަރުންގެ އަދަދު 13 އަށް ބަދަލުކޮށް އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ ނުވަތަ 241 ކޮމެޓީ 14 އަށް ބަދަކުރުމަށެވެ. ކޮމެޓީގެ ރިޕޯޓުގައިވާ ގޮތުން މަޖިލީހުގެ ދާއިމީ 13 ކޮމެޓީގެ ތެރެއިން މާލިއްޔަތު ކޮމެޓީ އަށް 13 އަދި 241 ކޮމެޓީ އަށް 14 މެންބަރުން ވަނީ ކަނޑައަޅައިފަ އެވެ. އަދި ދެ ކޮމެޓީއަކުން ކުރެ ކޮންމެ ކޮމެޓީއެއްގައި 10 މެންބަރުން ތިބޭ އިރު ނުވަ ކޮމެޓީއަކުން ކުރެ ކޮންމެ ކޮމެޓީއެއްގައި 11 މެންބަރުން ތިބޭނެ އެވެ.
އެގޮތުން ކޮމެޓީން ފާސްކުރި ގޮތަށް ބަލާ އިރު މާލިއްޔަތު ކޮމެޓީން ސަރުކާރު ހިންގާ ޕީޕީއެމް އަށް ފަސް ސްލޮޓް ލިބިގެންދާނެ އެވެ. އަދި އިދިކޮޅު އެމްޑީޕީ އަށް ހަތަރު ސްލޮޓް ލިބިގެންދާ އިރު ޖުމްހޫރީ ޕާޓީ އަށް ލިބިގެން ދަނީ ދެ ސްލޮޓެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށް އެއް ސްލޮޓް ލިބިގެންދާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 12 ކޮމެޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން އެ ކޮމެޓީތަކުގައި ތަމްސީލް ކުރާނެގޮތް މަޖިލީހުން ފާސްކުރި އިރު މަޖިލީހުގެ ދާއިމީ ހުރިހައި ކޮމެޓީއެއްގެ ވެސް އަގުލަބިއްޔަތު ލިބިފައި ވަނީ ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަންއަށެވެ. އެގޮތުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކުން ޕީޕީއެމް ކޯލިޝަން އަށް 64 ސްލޮޓް ލިބިގެންދާ އިރު އިދިކޮޅު އެމްޑީޕީ އަށް 37 ސްލޮޓް ލިބިގެންދެ އެވެ. ޖުމްހޫރީ ޕާޓީ އަށް 20 ސްލޮޓް ލިބޭ އިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށް އަށް ސްލޮޓް ލިބިގެންދެ އެވެ. އަދި އަދާލަތު ޕާޓީ އަށް ދެ ސްލޮޓް ލިބިގެންދާ އިރު މަޖިލީހުގައި އިން ހަމައެކަނި މިނިވަން މެންބަރަށް ލިބިފައި ވަނީ އެއް ސްލޮޓެވެ.
މަޖިލީހުގެ ދާއިމީ 12 ކޮމެޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ކޮމެޓީތަކުގައި ތަމްސީލް ކުރާ ގޮތަށް ބަލާ އިރު ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަން އަށް ހަތަރު ކޮމެޓީއަކުން ކުރެ ކޮންމެ ކޮމެޓީއަކުން ހަ ޖާގަލިބި އެވެ. އަދި އަށް ކޮމެޓީއަކުން ކުރެ ކޮންމެ ކޮމެޓީއަކުން ފަސް ޖާގަ ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަން އަށް ލިބިފައިވެ އެވެ.
އިދިކޮޅު އެމްޑީޕީ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގައި ތަމްސީލް ކުރާ ގޮތަށް ބަލާ އިރު އެއް ކޮމެޓީއަކުން ހަތަރު ޖާގަ ލިބިގެންދެ އެވެ. އަދި 11 ކޮމެޓީއަކުން ކުރެ ކޮންމެ ކޮމެޓީއަކުން ވެސް ތިން ޖާގަ ލިބިގެންދެ އެވެ. ޖުމްހޫރީ ޕާޓީ އަށް ބަލާ އިރު އަށް ކޮމެޓީއަކުން ކުރެ ކޮންމެ ކޮމެޓީއަކުން ދެ ޖާގަ ލިބިގެންދާ އިރު ހަތަރު ކޮމެޓީއަކުން ކުރެ ކޮންމެ ކޮމެޓީއަކުންއެއް ޖާގަ ލިބިގެންދާނެ އެވެ. އަދާލަތު ޕާޓީ އަށް ބަލާ އިރު ދެ ކޮމެޓީއަކުން ކުރެ ކޮންމެ ކޮމެޓީއަކުން އެއް ޖާގަ ލިބޭ އިރު މިނިވަން މެންބަރަށް އެއް ކޮމެޓީއަކުން އެއް ޖާގަ ލިބިގެންދާނެ އެވެ.