30 Jun 2014, 13:34
ސިވިލް ސާވިސްގައި މަސައްކަތްކުރާ ސިވިލްސާވަންޓުގެ ތެރެއިން މަސައްކަތަށް ރަނގަޅު މީހުންނަށް ފުރަތަމަ ފަހަރަށް އަހަރީ ބޯނަސް ދިނުމަށް ސިވިލް ސާވިސް ކޮމިޝަން އިން ނިންމައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް މިއަދު "ސަން" އަށް ވިދާޅުވީ، އަހަރީ ބޯނަސް ދޭން ނިންމާފައި ވަނީ، ސިވިލްސާވަންޓުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، މަސައްކަތުގައި އަހުލާގު ރަނގަޅު މީހުންނަށް ހިތްވަރުދީ، މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަަށް ކަމަށެވެ.
އެގޮތުން މި އަހަރުގެ އަހަރީ ބޯނަސް ދިނުމަށް ފިނޭންސް މިނިސްޓްރީ އިން 40 މިލިއަން ރުފިޔާގެ ބަޖެޓެއް އެ ކޮމިޝަނަށް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ، މި އަހަރުގެ އަހަރީ ބޯނަސް ދޭނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ސިވިލްސާވަންޓުންގެ ފެންވަރާއި އޮފީހަށް ހާޒިރުވެ މަސައްކަތް ކުރި ގޮތާއި މަސައްކަތުގެ އަހުލާގާއި ސުލޫކަށް ބެލުމަށްފަހުގައި ކަމަށެވެ.
ޑރ. ފައިޒަލް ވިދާޅުވީ، އޮގަސްޓް މަހުގެ މުސާރައާ އެކު އަހަރީ ބޯނަސް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސިވިލްސާވަންޓުންގެ މައުލޫމާތުތައް، ސިވިލްސާވަންޓުންގެ މައުލޫމާތު ބަލަހައްޓާ ވިޔުގައި ސިސްޓަމް އަޕްޑޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަހަރީ ބޯނަސް ދިނުމަށް ޓަކައި ސިވިލްސާވަންޓުންގެ މައުލޫމާތުތައް، ސިވިލްސާވަންޓުންގެ މައުލޫމާތު ބަލަހައްޓާ ވިޔުގަ ސިސްޓަމް އަޕްޑޭޓް ކުރުމަށް އެ ކޮމިޝަނުން ވަނީ ސިވިލް ސާވިސްގެ އެންމެހާ އިދާރާތަކަށް އެކިފަހަރު މަތިން ތިން ސާކިއުލާއެއް ފޮނުވާފަ އެވެ.
އެގޮތުން ސިވިލްސާވަންޓުންގެ މައުލޫމާތު ބަލަހައްޓާ ވިޔުގަ ސިސްޓަމަށް، ސިވިލްސާވަންޓުންގެ މައުލޫމާތުތައް އަޕްޑޭޓް ކުރުމަށް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް މުއްދަތު ދީފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި މައުލޫމާތު ނުފޮނުވާ ސިވިލްސާވަންޓުންނަށް މިދިޔަ އަހަރުގެ އަހަރީ ބޯނަސް ނުދެވޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ސިވިލްސާވަންޓުގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 24742 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.