30 Jun 2014, 13:30
ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް ޖަހައިދީފި އެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 48 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި އެ ދެ މީހުން 15 ދުވަސް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށެވެ.
އެ ދެމީހުން ހައްޔަރު ކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުލެއިން މާލެ އައި ވަގުތު މާލެ ހުޅުލެ ފެރީ ޓާމިނަލް ކައިރިންނެވެ.
އެ ދެ މީހުންގެ ތެރެއިން 31 އަހަރުގެ މީހަކީ 2011 ވަނަ އަހަރު ޑިސެމްބަރު މަހުތެރޭ ދަފީނާ ބިލްޑިންގެ ފަސް ވަނަ ފަންގިފިލާގައި ހުންނަ އޮފީހަކުން ދެ ތިޖޫރިއާ އެކު ފައިސާ އާއި ލިޔެކިޔުންތަކެއް ވަގަށް ނެގި މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ކުރިން ބުނެ އެވެ.
އެ މީހުން ދިރިއުޅޭ ތަން ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު އެ މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ބައެއް ލިޔެކިޔުންތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.