ސަރުކާރުން ހުށަހަޅާފައިވާ ސުޕެޝަލް އިކޮނަމިކް ޒޯން ކަނޑައެޅުމުގެ ބިލާ އެކު ސަރުކާރުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް ކުރާ ކަމަށާއި ނަމަވެސް އިގުތިސާދީ ސަރައްދުތައް ކަނޑައެޅުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިނގިޔަ ނުދިނުމަށް އެ ބިލްގައި މާއްދާތަކެއް ހިމަނާފައިވާނެ ކަމަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ސުޕެޝަލް އިކޮނަމިކް ޒޯން ކަނޑައެޅުމުގެ ބިލް މިއަދު ވަނީ ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަޙަޅައިފަ އެވެ.

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އިގްތިސާދީ ސަރައްދުތަކެއް ކަނޑައެޅުމާ ބެހޭ ބިލްގެ ބަހުސްގައި އެ ބިލް މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވީ ކޮރަަޕްޝަން ހުއްޓުވުމާ ގުޅޭ ގޮތުން ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ހިލާފަށް އިގުތިސާދީ އެއްވެސް ސަރަހައްދެއް ބަޔަކަށް ދީފި ނަމަ އެބައެއްގެ އަތުން އެ ސަރައްދެއް އަތުލެވޭނެ ކަމަށް އެ ބިލްގައި ހިމަނާފައިވާ ކަމަށެވެ.

"މިކަހަލަ ވަރަށް ބޮޑެތި ފްރީ ޒޯނެއް އެކުލަވާލާ އިރު ކޮރަޕްޝަނުގެ ފަސާދަ އެކުލެވިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ފެތުރި. އަޅުގަނޑު ދަންނަވާނީ މިއަށް ވުރެ ކުރިއަކުން މިފަދަ އެއްވެސް ކަމެއްގައި މިރާއްޖޭގައި މިފަދަ ގާނޫނެއް، މިފަދަ މުހިންމު ނުކުތާތަކެއްގެ މައްޗަށް ރިއާޔަތްކޮށް، އަދި ބައިނަލްއަގުވާމީ ކޮންވެންޝަނަކާ އެއްގޮތަށް ނިންމުމަށް ޓަކައި ބިލެއް ހުށަހަޅާފައިނުވާނެ،" ނިހާން ވިދާޅުވި އެވެ.

ނަމަވެސް އެބިލާ މެދު މިއަދު މަޖިލީހުގައި ބަހުސް ކުރިއަށް ގެންދިޔަ އިރު އެ ބިލަކީ ކޮރަޕްޝަނަށް މަގުފަހިވެގެން ދާނެ ބިލެއް ކަމަށް ސަރުކާރާ އިދިކޮޅު މެމްބަރުން ދިޔައީ ވިދާޅުވަމުންނެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ ބިލަކީ ރާއްޖޭގެ އިގުތިސާދަށް އެއްވެސް ފައިދާއެއްކުރާނެ ބިލެއް ނޫން ކަމަށެވެ. އަދި އިގުތިސާދީ ވަކި ސަރައްދުތައް ފަސޭހައިން ދައުލަތަށް ނުނެގޭނެ ގޮތަށް އޮތުމަކީ އޭގެ ގެއްލުންވާނެ ކަމެއްގެ ގޮތުގައި ވެސް ޝަރީފް ވަނީ ފާހަގަކުރައްވައިފަ އެވެ.

"ސުޕެޝަލް އިކޮނަމިކް ޒޯންތައް ވެސް ހަދަން އެބަޖެހޭ. ސުޕެޝަލް އިކޮނަމިކް ޒޯންއިން ކުރާނެ ކަންތައްތަކެއް، ކުރާނެ ވިޔަފާރީގެ ބާވާތްތަކާއި އޭގެ ހުދޫދުތަކާއި އަޅުގަނޑުމެންގެ ދައުލަތަށް ނެގޭނީ ކިހާވަރެއްގެ ކުއްޔެއްކަން މި ބިލުގައި ކަނޑައަޅަން އެބަޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

އެ ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ނަމަވެސް އެ ބިލަކީ ޖުމްލަ ގޮތެއްގައި ރަނގަޅު ބިލެއް ކަމަށް ގިނަ މެމްބަރުން ވަނީ ފާހަގަ ކުރައްވައިފަ އެވެ.