ތައުލީމީ ނިޒާމަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކަކާ އެކު މި އަހަރުގެ ދިރާސީ އަހަރު މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަނުން ބުނަނީ، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިއަދު ކިޔެވުން ފަށާފައި ވަނީ ވަށައިޖެހޭ ތައުލީމުގެ ސިފަތައް ޖެއްސުމަށްޓަކައި މުޅިން އާ ބަދަލުތަކަކާ އެކު ކަމަށެވެ. މި އަހަރުގެ ދިރާސީ އަހަރުގެ ޝިޔާރަކަށް ކަނޑައަޅާފައި ވަނީ "ވަށައިޖެހޭ ތައުލީމު: އެންމެންގެ އަމާޒު" އެވެ. ވަށައިޖެހޭ ތައުލީމަކީ "ތައުލީމީ ނިޒާމެއްގައި ހިމެނޭ ހުރިހާ ބައިތަކެއްގެ މައްޗަށް ބިނާވެފައިވާ ތައުލީމް" ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
އެއީ "ތައުލީމީ ނިޒާމެއްގައި ހިމެނޭ ހުރިހާ މަގުސަދަކާ އެއްގޮތަށް ދެވޭ މައުލޫމާތާއި ހުނަރާއި ސުލޫކާއި ރަނގަޅު ސިފަތަކާއި ރޫހާނީ ގޮތުން ލިބިދޭން ޖެހޭ ތަރުބިއްޔަތާއި ތަމްރީނު ދެވޭ ތައުލީމު." ދިރާސީ އަހަރު ފެށުމުގެ ގޮތުން ރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައި ދެއްކި ޕްރެސެންޓޭޝަންގައި އެޑިއުކޭޝަނުން ބުނެފައިވެ އެވެ.
މިއަދު ރާއްޖޭގެ ގިނަ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ އެއް ދަންފަޅިއަކަށެވެ. އެގޮތުން 125 ސްކޫލެއްގައި މިއަދު އެއް ދަންފަޅިއަކަށް ކަޔަވައިދޭން ފަށާފައިވެ އެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު އެޑިއުކޭޝަނުން ފޮތް ދޫކުރުމަށް ހަމަޖައްސާފައި ވަނީ ސްކޫލްތައް މެދުވެރިކޮށް، ސްކޫލް ހުޅުވޭ ފަހުންނެވެ.
މީގެ އިތުރުން އެޑިއުކޭޝަނުން ތައުލީމީ ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރޭގައި ދެ ޖިންސަށް ވަކިވަކިން ކިޔަވައިދެމުންދިޔަ އަމީނިއްޔާ، މަޖީދިއްޔާ އަދި ދަރުމަވަންތަ އަދި ހިރިޔާ ސްކޫލްގެ ޖިންސު "މަސްހުނި" ކޮށްލުން ހިމެނެ އެވެ. އަދި އެ ސްކޫލްތަކަކީ ހަމައެކަނި ގްރޭޑް އަށަކުން 10 އަށް ކިޔަވައިދޭ ސްކޫލްތަކެއްގެ ބަދަލުގައި، ޕްރައިމަރީ ގްރޭޑުތައް ވެސް ހިމެނޭ ގްރޭޑް އެކަކުން 10 އަށް ކިޔަވައިދޭ ސްކޫލްތަކަށް ކުރިއަށް އޮތް ހަތް އަހަރު ތެރޭ ބަދަލުކުރުމުގެ ގޮތުން އެ ހަތަރު ސްކޫލްގައި ވެސް މިއަދު ވަނީ ގްރޭޑް އެކަކަށް ކިޔަވައިދޭން ފަށައިފަ އެވެ.
ހަމަ އެއާއެކު ކުރިން ސެކަންޑަރީ ސްކޫލްތަކުގައި އޮންނަ ގްރޭޑް އަށެއް ޕްރައިމަރީ ގްރޭޑެއްގެ ގޮތުގައި އެޑިއުކޭޝަނުން ހަމަޖައްސައި، ކަލާފާނު، ތާޖުއްދީން، ޖަމާލުއްދީން އަދި އިސްކަންދަރު ސްކޫލްގައި ވަނީ ގްރޭޑް އަށެއްގެ ކްލާސްތައް މިއަދު މުޅިން އަލަށް ފަށައިފަ އެވެ. އެއީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެ ސްކޫލްތައް ވެސް ގްރޭޑް އެކަކުން އިން 10 އަށް ބަދަލު ކުރުމުގެ ބޭނުމުގައި އެވެ.
އެޑިއުކޭޝަން މިނިސްޓާ ޝިފާ މުހައްމަދު ރޭ ވިދާޅުވީ، ސްކޫލްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ނަމަވެސް، ދަރިވަރުންނަށް ބޭނުންވާ ޓީޗަރުންގެ އަދަދަށް ބަދަލެއް ނާންނާނެ ކަމާށާއި ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ވެސް ހަމަވެފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ފޮތްތައް މިއަދު ސްކޫލުން ދޫކުރާނެ ކަމުގައި ވެސް މިނިސްޓާ ވިދާޅުވި އެވެ.
އަދި އަމިއްލަ ޒިންމާއެއް ގޮތުގައި ކިޔެވުން ބަލައިގަނެ، މުރާލި ދަރިވަރުންތަކަކަށް ވުމަށް މިނިސްޓާ ވަނީ ހުރިހާ ދަރިވަރުންނަށް ގޮވައިލައްވައިފަ އެވެ.