30 Jun 2014, 12:19
ވޯލްޑް ކަޕުގައި ވާދަކުރާ ނައިޖީރިއާ ޓީމުގެ އެއްވެސް ކުޅުންތެރިޔަކު އިންޑިވިޖުއަލް ކުޅުމެއް ދައްކައިގެން ނައިޖީރިއާގެ ޑިއޭގޯ މަރަޑޯނާ އަށް ވާން މަސައްކަތް ނުކުރާ ކަމަށް އެ ޓީމުގެ ތަރި ޖޯން އޮބި މިކެލް ބުނެފި އެވެ.
"ސުޕާ އީގަލްސް"ގެ ނަމުން މަޝްހޫރުވެފައިވާ ނައިޖީރިއާ ޓީމުގައި ކުރިން ގިނަ ކުޅުންތެރިންތަކެއް ފުޓްބޯޅައިގައި ނަން ވިދާލައިފައިވެ އެވެ. އެގޮތުން ނައިޖީރިއާގެ ޖޭ-ޖޭ އޮކަޗޯ އާއި ރަޝީދީ ޔެކިނީ އަދި ޑެނިއަލް އަނިކަޗީ ފަދަ ކުޅުންތެެރިން ވަނީ ފުޓްބޯޅައިގެ ތާރީހުގެ ތެރޭގައި އެ ކުޅުންތެރިންގެ ނަން ފަވާލައިފަ އެވެ.
"އަހަރެން ހަމައެކަނި ވިސްނަނީ ޓީމާ މެދު. ޓީމުގެ އެއްވެސް ކުޅުންތެރިޔަކު މަރަޑޯނާ އަށް ވާކަށް ނޫޅޭ،" ނޫސްވެރިންގެ ބައްދަލުވެއްގައި ވާހަކަ ދައްކަމުން ޗެލްސީ އަށް ކުޅެމުންދާ މިކެލް ބުންޏެވެ. "އިންޑިވުޖުއަލް ކުޅުން ދައްކާ ކުޅުންތެރިންގެ ވާހަކަ ދައްކާކަށް އަހަރެމެންނެއް ނޫޅެން. އަހަރެމެން އެންމެން ވެސް ބޭނުން ވަނީ ޓީމަށް ފައިދާވާނެ ގޮތަށް ކުޅެން."
ވޯލްޑް ކަޕްގެ ގަދަ 16ގައި މިރޭ ފްރާންސްއާ ދެކޮޅަށް ނައިޖީރިއާ ނުކުންނަ އިރު، އެ ޓީމުގައި މުސާރައިގެ މައްސަލަތަކެއް ހުރި ކަން ވަނީ ފެންމަތިވެފަ އެވެ.
މުސާރައިގެ މައްސަލައާ ބެހޭ ގޮތުން މިކެލް ބުނީ، މާ ބޮޑު މައްސަލަތަކެއް ނޫޅޭ ކަމަށާއި އެ ޓީމުން ކުޑަ މަޝްވަރާއެއް ކޮށްލީ ކަމަށެވެ. އަދި އެކަހަލަ ކަންތައްތަކަކީ ފުޓްބޯޅައިގައި ވާނެ ކަންތައްތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ފްރާންސްއާ ދެކޮޅަށް ނައިޖީރިއާ މިރޭ ނުކުންނާނީ ރާއްޖޭ ގަޑިން 9:00 ގަ އެވެ. މި މެޗު ކުޅޭނީ ބްރެޒިލްގެ ބްރެސީލިއާ ސިޓީގެ އެސްޓޭޑިއޯ ނޭސިއޮނަލްގަ އެވެ.