30 Jun 2014, 12:13
މި އަހަރުގެ ރޯދަ މަހު ފިތުރު ޒަކާތް ބަލައިގަތުމާއި ފަގީރުންގެ ގޮތުގައި ނަން ނޯޓުކުރުމުގެ އުސޫލުތައް ހަމަޖެހިފައިވާ ތާރީހާއި ގަޑިތައް އިސްލާމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަގީރުންގެ ގޮތުގައި ނަން ނޯޓް ކުރުން 29 ޖޫން އިން ފެށިގެން ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށެވެ. އެގޮތުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ފެށިގެން މެނދުރު 13:00 އަށް އިސްލާމިކް މިނިސްޓްރީ އާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިތުރުން ވިލިމާލޭގައި ކުރިޔަށްދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މާލެސިޓީ ފިޔަވައި އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންގެ ނަން ނޯޓްކުރުން އެ ރަށެއްގެ ކައުންސިލް އިދާރާގައި ކުރިޔަށްދާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ނަން ނޯޓް ކުރުމަށް ކަނޑައެޅިފައިވާ ތާރީހުގައި އެ މިނިސްޓްރީގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން ނަންނޯޓް ކުރެއްވުން ކުރިޔަށް ގެންދާ އިރު، އައިޑީ ކާޑުގެ އަސްލާއި ކޮޕީ ގެންނަންވާނެ ކަމަށެވެ.
ޒަކާތުގެ މިންވަރަކީ 2.4 ކިލޯ ހަނޑޫގެ މިންވަރު ކަމަށާއި ފައިސާ ބަލައިގަންނާނީ އެ މިންވަރަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި މާލޭ ސިޓީގައި ދިރިއުޅޭ ފަރާތްތަކުން ޒަކާތް ދައްކާނީ އާދައިގެ ހަނޑޫ ބޭނުންކުރެއްވި ބޭފުޅުން ކަމުގައިވާ ނަމަ މީހަކަށް 10 ރުފިޔާ ކަމަށާއި ތައިލެންޑް ހަނޑުލުން ނަމަ މީހަކަށް 40 ރުފިޔާ އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 70 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. ޒަކާތް ނެރެން ޖެހެނީ އެ އަހަރުތެރޭ އެބަޔަކު އާންމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތްތަކަށް ބަލައިގެން ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
މާލެ ސިޓީގައި ފިތުރު ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީ އާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ވިލިމާލޭގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ ކަމާ ބެހޭ އޮފީހުން ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އަދި އައްޑޫސިޓީ އާއި އަތޮޅުތަކުގެ ކައުންސިލްގެ އިދާރާގެ އޮފީސްތަކުންނާއި ރަށްރަށުގައި ހުންނަ އެ ރަށްރަށުގެ ކައުންސިލްގެ އިދާރާ އިން ޒަކާތް ބަލައިގަންނާނެ ކަމަށާއި ޒަކާތް ބަލައިގަތުން 29 ޖޫން 2014 އިން ފެށިގެން 22 ޖުލައި 2014ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން 13:00 އަށް ކުރިޔަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.