30 Jun 2014, 12:09
ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން މިޑްފީލްޑަރު ޕޯލް ޕޮގްބާ ހޯދުމަށް ޗެލްސީ އިން 60 މިލިއަން ޕައުންޑް ހުށަހަޅައިފި އެވެ.
ޕޮގްބާ ހޯދުމަށް ޗެލްސީގެ އިތުރުން ދެން އެންމެ ގަދައަށް މަސައްކަތް ކުރަމުން އަންނަ އެއް ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑް ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.
މިދިޔަ ސީޒަނުގައި ޔުވެންޓަސް އަށް ދެއްކި މޮޅު ކުޅުމާ އެކު އުމުރުން 21 އަހަރުގެ ޕޮގްބާ އަކީ މިހާރު ޔޫރަޕްގެ އެންމެ އުންމީދީ އެއް ކުޅުންތެރިޔާ އެވެ. އަދި އޭނާ ވަނީ، މިދިޔަ ސީޒަނުގައި ޔުވެންޓަސްއަށް ކުޅުނު 36 މެޗުން ހަތް ގޯލު ކާމިޔާބުކޮށްފަ އެވެ.
ބްރެޒިލްގައި ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ފްރާންސް ގެންދިއުމުގައި ޕޮގްބާ ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ. އަދި ދެ ވަނަ ބުރުގައި ފްރާންސްއާ ދެކޮޅަށް ނައިޖީރިއާ މިރޭ ކުޅޭ މެޗުގެ ފުރަތަމަ 11އިން ޕޮގްބާ ފެންނާނެ ކަަމަށް ވެސް މީޑިއާ ރިޕޯޓް ތަކުން ބުނެ އެވެ.
ޕޮގްބާ ހޯދުމަށް ޗެލްސީ އިން ރެކޯޑް އަގެއް ހުށަހަޅާފައިވާ އިރު ދާދިފަހުން ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ވަނީ ޗެލްސީއަށް ސޮއިކޮށްފަ އެވެ.