30 Jun 2014, 11:27
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފެދުނު ފަހުން މިހާތަނަށް މީރާ އަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދައްކައި ހުރި އެއް ބިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި ކަމަށް މީރާ އިން ބުނެފި އެވެ.
މީރާ އިން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މިހާތަނަށް މީރާ އިން އެކުލަވާފައިވާ އެކި ޕޮލިސީތައް މެދުވެރިކޮށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައިގެން އެއް ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.
މީރާ އިން ވަނީ އެއޮތޯރިޓީ އަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަތައް ކޯޓަށް ހުށައަޅައިގެންނާއި އެކުންފުނިތަކުގެ އެކައުންޓްތައް ފުރީޒް ކޮށްގެން ވެސް ފައިސާ ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އަދި މީރާ އަށް ޓެކުސް އޮޅުވާލާ ތަންތަނަށް މީރާގެ ފަރާތްތަކުން ވަދެ ފައިސާ ހޯދާފައި ވެސް ވެ އެވެ.
"ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާ މެދު މީރާ އިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ޚިދުމަތްތައް ވަގުތީ ގޮތުން ހުއްޓުވުމާއި، އެކައުންޓް ފްރީޒްކުރުމާއި ގާނޫނީ ފިޔަވަޅު އެޅުން ހިމެނޭ. އަދި ކުރިމަގުގައި ވެސް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، މީރާގެ ޒިންމާތައް ހަމަހަމަކަމާ އެކު ފުރިހަމައަށް ތަންފީޒު ކުރުމުގައި ދެމިތިބޭނެ،" މީރާ އިން ބުންޏެވެ.
މީރާ އިން ބުނީ އެއް ބިލިއަން ރުފިޔާގެ ތެރެއިން ބައެއް އަދަދުތަކަކީ ފައިސާ ދައްކަން ޖެހޭ ސުންގަޑިއަށް ފައިސާ ނުދެއްކުމުން މީރާ އިން އެ ފަރާތްތަކަށް ނޯޓިސްތައް ދީ އަދި ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމުގެ ގޮތުން ފޯނުން ގުޅައިގެން ހޯދައިފައިވާ ފައިސާ ކަމަށެވެ.