30 Jun 2014, 10:48
ބަޣްދާދު (ޖޫން 30): އިރާގުގެ އިތުރުން ޝާމްކަރާގައި އިސްލާމީ ޚިލާފަތެއް ގާއިމް ކުރުމުގެ ނަމުގައި އެ ދެ ގައުމުގެ ސަރުކާރުތައް ވައްޓާލުމަށް މަސައްކަތްކުރާ އިރާގުގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް) އިން އިސްލާމީ ޚިލާފަތުގެ ދައުލަތެއް ގާއިމްް ކޮށްފިކަމަށް އިއްލާންކޮށްފި އެވެ.
"ދާޢިޝް" އިން އިންޓަނެޓްގައި އިއްޔެ ހަވީރު ޝާއިޢުކޮށްފައިވާ އޯޑިޔޯ މެސެޖެއްގައި އެޖަމާއަތުގެ ތަރްޖަމާން އަބޫ މުހައްމަދުލްޢަދްނާނީ ބުނެފައި ވަނީ ދާޢިޝް އިން މިހާރު އިސްލާމީ ޚިލާފަތެއް ގާއިމްކޮށްފި ކަމަށާ އެޖަމާއަތުގެ ވެރިޔާ އަބޫބަކްރުލް ބަޣްދާދީއަކީ ހުރިހާ މުސްލިމުންނާ އަދި މުޅި އިސްލާމީ އުންމަތުގެ ޚަލީފާ ކަމަށާ އޭނާގެ ޚިލާފަތު ހުރިހާ މުސްލިމުން ވެސް ގަބޫލުކުރަން ޖެހޭނެ ކަމުގަ އެވެ. ޝާމް ކަރައިގެ ނަމުން ނަންދެވިފައިވާ ސަރަހައްދަކީ ސޫރިޔާ، އުރުދުން، ލުބްނާން އަދި ފަލަސްތީން މިހަތަރު ގައުމުއޮންނަ ސަރަހައްދެވެ.
"ދާޢިޝް" އިން ޝާއިޢުކޮށްފައިވާ އޯޑިޔޯގައި އެޖަމާއަތުގެ ތަރްޖަމާން އަބޫ މުހައްމަދުލްޢަދްނާނީ ބުނެފައި ވަނީ އިސްލާމީ ޚިލާފަތެއް އުފެއްދިކަން އިޢްލާން ކުރީ އެޖަމާއަތުގެ ޝޫރާ މަޖިލީހުގެ މެންބަރު ބައްދަލުކޮށް މުސްލިމުންގެ ޚިލާފަތުގެ މައްސަލަ ދިރާސާކުރުމަށް ފަހު އިސްލާމީ ޚިލާފަތުގެ ދައުލަތެއްގާއިމްކޮށް އެޚިލާފަތަށް މުސްލިމުންގެ ޚަލީފާއަކު ހަމަޖެއްސުމަށް ނިންމުމާ ގުޅިގެން ކަމުގަ އެވެ. މިނިންމުމާ އެއްގޮތަށް މުސްލިމުންގެ ދައުލަތުގެ ޚަލީފާއެއްގެ ގޮތުން ޚަލީފާކަމުގެ ބައިއަތު ގަބޫލުކުރީ އެޖަމާއަތުގެ ލީޑަރު އަބޫބަކްރުލް ބަޣްދާދީ ކަމަށާ އޭނާއަކީ މިހާރު ހުރިހާ މުސްލިމުންގެ ޚަލީފާ ކަމަށް ވެސް މިއޯޑިޔޯގައި "ދާޢިޝް"ގެ ތަރްޖަމާން ބުނެފައިވެ އެވެ. ނަމަވެސް އަބޫބަކްރުލްބަޣްދާދީއަކީ މުސްލިމުންގެ ޚާލީފާއެއް ކަމަށް ބަލައިގަނެ އޭނާ އަށް ބައިއަތު ހިފީ މުސްލިމުންގެ ކޮންބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ.
"ދާޢިޝް" އިން އިޢްލާންކުރި އިސްލާމީ ޚިލާފަތުގެ ދައުލަތަކީ ހުރިހާ މުސްލިމުންގެ ޚިލާފަތުގެ ވެރިކަމެއް ކަމަށްވާތީ މިޚިލާފަތުގެ ނަމުން އިރާގާއި ޝާމްކަރައިގެ ނަން އުނިކުރުމަށް ފަހު މިހާރުގެ ނަމަކީ "މުސްލިމުންގެ ޚިލާފަތުގެ ދައުލަތް" ކަމަށް ވެސް އެޖަމާއަތުން ބުނެ އެވެ. އަދި "މުސްލިމުންގެ ޚިލާފަތުގެ ދައުލަތް"ގެ ހުކުމްތައް އަމަލީ ގޮތުން ތަންފީޒުކުރަމުން ގެންދާނީ އިރާގާއި ސޫރިޔާގެ ބިންތަކުގެ ތެރެއިން އެޖަމާއަތުގެ އަތްދަށުގައި މިހާރު އޮތް ބިންތަކުގައި އެކަނި ކަމަށް ވެސް އަބޫމުހައްމަދުލްއަދްނާނީ ބުނެފައިވެ އެވެ.
އިރާގާއި ސޫރިޔާގައި ބޮންގޮއްވުމާއި މީހުން މެރުމުގެ ހަރުކަށި އަމަލުތައް ފުޅާދާއިރާއެއްގައ ހިންގާ ހަނގުރާމަވެރި ޖަމާއަތެއް ކަަމަށްވާ "ދާޢިޝް" އަތްދަށުގައިވާ ބިންތަކުގެ ތެރޭގައި ޢިރާގުގެ އުތުރާއި ހުޅަނގުގެ ބައެއް ސަރަހައްދުތަކާއި ސޫރިޔާގެ އިރުމަތީ ބައެއް ސަރަހައްދުތައް ހިމެނެ އެވެ. "ދާޢިޝް" ނުވަތަ "އައިސިސް" އިން އިސްލާމީ ޚިލާފަތެއް ގާއިމް ކުރިކަން އިއްލާންކޮށްފައި މިވަނީ އެ ޖަމާއަތުގެ އަތްދަށުގައިވާ އިރާގުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ތިކްރީތު އަލުން މިނިވަންކޮށް އިރާގު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް ޓަކައި އިރާގު ސިފައިން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.
އިރާގު ސަރުކާރުން އިއްޔެ ބުނީ "ދާޢިޝް"ގެ ހަނގުރާމަވެރިންގެ އަތްދަށުގައިވާ ބިންތައް މިނިވަން ކުރުމަށް ޓަކައި ރަޝިޔާ އިން ސޮޚޯއި މަރުކާގެ ފައިޓާޖެޓް މަތިންދާބޯޓުތަކެއް އިރާގު ސިފައިންނަށް މިހާރު ލިބިފައިވާ ކަމަށާއި މިބޯޓުތައް ބޭނުންކޮށްގެން ހަނގުރާމަވެރިންގެ ސަފުތަކަށާއި އެމީހުންގެ ކޮމާންޑް ސެންޓަރުތަކަށް ވައިގެ ހަމަލާތަކެއް ދިނުމަށް އިރާގު ސިފައިން ތައްޔާރުވަމުންދާ ކަމުގަ އެވެ. އެމެރިކާ ވެސް ވަނީ "ދާޢިޝް"ގެ ކޮމާންޑް ސެންޓަރުތަކަށް ވައިގެ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތްތަކެއް ދީފަ އެވެ. އަދި އެމެރިކާގެ ޑްރޯން މަތިންދާބޯޓުތައް "ދާޢިޝް" އިން ގާއިމްކޮށްފައިވާ ކަމަށް ބުނާ "މުސްލިމުންގެ ޚިލާފަތުގެ ދައުލަތް"ގެ ވައިގެ ސަރަހައްދުގެ މަތިން އުދުހި ޖާސޫސީ މަޢްލޫމާތުތައް އެއްކުރަމުންގެންދާކަން ޕެންޓަގަންއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެމެރިކާ ސަރުކާރުން ވަނީ އިސްލާމީ ޚިލާފަތުގެ ނަމުގައި "ދާޢިޝް" އިން އިއްޔެ އިޢްލާންކުރި ދައުލަތަކީ އެމެރިކާގެ ގައުމީ މަސްލަހަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް ސިފަކޮށްފަ އެވެ. އަނެއްކޮޅުން އުރުދުންގެ ސިފައިންގެ ލަޝްކަރުތައް ވެސް "ދާޢިޝް"ގެ ޚިލާފަތުގެ ދައުލަތް އިތުރަށް ފުޅާކުރަން މަސައްކަތްކޮށްފި ނަމަ އެޖަމާއަތާ ދެކޮޅަށް ނުކުންނާނެ ކަމުގެ އިޝާރާތެއްވަނީ ދީފަ އެވެ. އިރާގުގެ އިތުރުން ޝާމްކަރައިގެ ސަރަހައްދަށް "ދާޢިޝް"ގެ ޚިލާފަތުގެ ދައުލަތް ފުޅާކުރަން މަސައްކަތްކުރާނަމަ އެޖަމާއަތަށް ޖެހޭނީ ސޫރިޔާގެ ލަޝްކަރުތަކާއި އުރުދުންގެ ލަޝްކަރުތައް ވެސް ބަލިކުރާށެވެ. މިއީ އިރާގުގެ ސިފައިންގެ ލަޝްކަރުތައް ބަލިކުރި ނަމަވެސް "ދާޢިޝް"ގެ ހަނގުރާމަވެރިންނަށް ފަސޭހަ ކަމަކަށްނުވާނެ ކަމަށް އަސްކަރީ ތަޖްރިބާކާރުން ބުނެ އެވެ.
"ދާޢިޝް"ގެ ހައްދުފަހަނަަޅާފައިވާ އުސޫލްތަކާ އެކު ހުޅަނގާއި އަރަބި ގައުމުތަކުގެ ސަރުކާރުތަކުން އެޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަަމަށް ސިފަކުރި ނަމަވެސް އެޖަމާއަތަށް ހަމްދަރްދީވާ އަދި އެއީ ރަނގަނޅު އިސްލާމީ ޚިލާފަތެއް އުފެއްދުމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށް ދެކޭ މުސްލިމުން ވެސް އެބަތިއްބެވެ. މިގޮތަށް ދެކޭ މުސްލިމް ޒުވާނުން އެޖަމާއަތުގެ ސަފުތަކުގައި ހަނގުރާމަ ކުރަމުންދާއިރު ސޫރިޔާ، އުރުދުން، ސައޫދީ އަރަބިޔާގެ ޒުވާނުންގެ އެތަށްބަޔަކު "ދާޢިޝް"ގެ ޚިލާފަތުގެ ދައުލަތަށް ތާއީދުކުރަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)