30 Jun 2014, 10:38
ޗެލްސީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ޓޮރޭސް އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުން ޓޮރޭސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އައިސް ފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގަ އެވެ.
އުމުރުން 30 އަހަރުގެ ޓޮރޭސް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އަންނަ ބުދަ ދުވަހު ފުރާނެ ކަމަށް ވަރަށް އިތުބާރު ހުރި ފަރާތަކުން ސަންއަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެތުލެޓިކޯ މެޑްރިޑުން ވިދާލި ޓޮރޭސް ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ޓީމުންފެނިފަ އެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުން ސްޕެއިން ކެޓިނަމަވެސް ޓޮރޭސް ވަނީ އޮސްޓޭލިއާ އަތުން މޮޅުވި މެޗުގައި ސްޕެއިންއަށް ލަނޑެއް ޖަހައިދީފަ އެވެ.
ޓޮރޭސް ވަނީ ޗެލްސީ އަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިނުމުގައި މުހިމު ރޯލެއް އަދާކޮށްފަ އެވެ. އަދި އެންމެ ފަހުން ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ސްޕެއިން އަށް ކާމިޔާބު ކޮށްދިނުމުގައި ވެސް ޓޮރޭސް ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ. އަދި މީގެ އިތުރުން 2012 ވަނަ އަހަރުގެ ޔޫރޯ ސްޕެއިންނަށް ކާމިޔާބު ކޮށްދިނުމުގައި ވެސް ޓޮރޭސް އެ އަހަރު ވަނީ ވިދާލާފަ އެވެ.