ވޯލްޑް ކަޕުގެ ގަދަ 16ގައި ނެދަލެންޑްސް އަތުން 2-1 ލަނޑުން ބަލިވެ، މުބާރާތުން މެކްސިކޯ ކަޓައިގެން ދިއުމުގެ ޒިންމާ ނަގަން ޖެހޭނީ މެޗުގެ ރެފްރީ ކަމަށް މެކްސިކޯގެ ކޯޗު މިގެލް ހެރޭރާ ބުނެފި އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ގަދަ 16ގެ މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓް ތެރޭ ޖިއޮވާނީ ޑޮސް ސަންޓޯސްގެ ލަނޑުން މެކްސިކޯ އަށް ލީޑު ލިބުނު ނަމަވެސް، ނެދަލެންޑްސް މޮޅުވީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް ވެސްލީ ސްނެއިޑާ އާއި ކްލާސް-ޔޭން ހަންޓެލާ ކާމިޔާބުކުރި ލަނޑުތަކުންނެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތު ކޮޅު ތެރޭގައި ރެފްރީ ޕެޑްރޯ ޕްރޮއެންކާ، ނަދަލެންޑްސް އަށް ދިން ޕެނެލްޓީއާ މެދު މެކްސިކޯގެ ކޯޗު ހެރޭރާ ވަނީ ސުވާލު އުފައްދައިފަ އެވެ. އޭނާ ދެކޭ ގޮތުގައި، މެޗުގައި އާރްޔެން ރޮބެން ޑައިވްކޮށްފައި ވާތީ އޭނާ އަށް އަދަބެއް ދޭން ޖެހޭނެ އެވެ.

"އަހަރެމެން ބަލިވީ ރެފްރީއާ ހެދި. އޭނާ އަހަރެމެން ކަޓުވާލީ. އަހަރެމެން ކޮޅަށް ވަތް ފުރަތަމަ ލަނޑަކީ އަހަރެމެންނަށް ހެދުނު ގޯހަކުން ވަތް ލަނޑެއް. އަހަރެމެން މި މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން ރެފްރީއަކު ހުރީ އަހަރެމެންނާ އިދިކޮޅަށް. އިދިކޮޅު ޓީމުގެ ބައްރަށް ނިސްބަތްވާ ރެފްރީން އަރުވާތީ ވޯލްޑް ކަޕަށް އޭޝިއާ އަދި އެފްރިކާގެ ބައްރުތަކުން ގެންނަ ރެފްރީންގެ ބޭނުމަކީ ކޮބައިކަމާ މެދު ސުވާލު އުފެދޭ."

މި މުބާރާތުގައި މެކްސިކޯ އެންމެ ފުރަތަމަ ކުޅުނު މެޗުގައި އޮފްސައިޑް ނުވާ ދެ ލަނޑު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މި ނިންމުމާ ގުޅިގެން ފީފާގެ ރެފްރީންނަށް ވަނީ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފަ އެވެ.