ވޯލްޑް ކަޕްގެ ގަދަ 16ގައި މިރޭ ގްރީސްއާއި ކޮސްޓަ ރިކާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ލަނޑުން ނަތީޖާ އެއްވަރު ވުމުން 15 މިނިޓުގެ އިތުރު ދެ ހާފު ކުޅެގެން ވެސް އެވެސް ޓީމަކަށް މެޗުން މޮޅު ނުވެވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން ކުރިހޯދައި 5-3 އިން ގްރީސް ބަލިކޮށް ވޯލްޑް ކަޕް ކުއާޓާ ފައިނަލްގެ ޖާގައެއް ކޮސްޓަ ރިކާއިން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

ބްރެޒިލްގެ ރެސީފޭގެ އެރީނާ ޕެރްނަމްބުޝޯ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި ވެސް ދެ ޓީމަށް ލަނޑު ޖަހައި މެޗުގެ ލީޑް ނެގުމަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ގްރީސްގެ ޖޯޖިއޯސް ކޮސްޓަރިކާގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ، މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކޮސްޓަރިކާގެ ގޯލް ކީޕަރު ނާވަސް ވަރަށް ހުށިއާރު ކަމާެކު ދިފާއު ކުރިއެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ކޮސްޓަރިކާއަށް ވެސް މެޗުގެ ލީޑް ނެގުމަށް ލިބުނު ފުރުސަރު އެޓީމުގެ ރުއިޒް ވަނީ ބޭކާރު ކޮށްލައިފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ނެގީ ކޮސްޓަރިކާއިންނެވެ. އެލަނޑު މެޗުގެ 52 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ބްރަޔަން ރުއިޒް އެވެ.

މެޗުގެ ދެ ވަނަ ހާފުގެ ކުރީ ކޮޅުގައި ކޮސްޓަ ރިކާއިން ލަނޑުޖަހައި ގްރީސް ސިއްސުވާލި ނަމަވެސް، އެޓީމަށް މެޗުގައި ދިމާވި އެންމެ ބޮޑު އެއް ހިތް ދަތި ކަމަކީ ޑިފެންޑަރު ޑުއާޓޭއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމެވެ. މެޗުގެ 66 ވަނަ މިނެޓުގައި ޑުއާޓޭއަށް ރެފްރީ ދެ ރީ ދޫކާޑާއެކު ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީބައި ކޮސްޓަ ރިކާއިން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.

ދިހަ ކުޅުންތެރިންނާއެކު ކޮސް ޓަރިކާއިން ކުޅެން ޖެހުމުން އިދިކޮޅު ގްރީސްއިން އޭނގެ ފައިދާ ނެގިއެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ގްރީސްއިން ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. އެލަނޑު ގްރީސްއަށް ކާމިޔާބު ކޮށްދިނީ ޕަޕަސްތަޕޫލްސް އެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރުވެސް ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ނަތީޖާއެއް ނެރެވިފައި ނުވުމުން، ދެން ކުޅެން ޖެހުނީ 15 މިނެޓުގެ ދެހާފެވެ. އަދި މިދެ ހާފްގައި ވެސް ލަނޑު ޖަހަން ގިނަ ފުރުސަތު ތަނަވަސްކުރީ ގްރީސްއިންނެވެ. އެކަމަކުވެސް ނަތީޖާއަށް ބަދަލެއް އައިސްފައި ނުވުމުން، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ކޮސްޓަރިކާއިން ޖެހި ހުރިހާ ޕެނަލްޓީއެއް ވަނީ ކާމިޔާބު ކޮށްފައެވެ. މި ޕެނަލްޓީތައް ކާމިޔާބުކޮށްފައިވަނީ ބޫޙޭސް އާއި ރުއިޒް އާއި ގޮންޒާލޭސް އާއި ކޭމްބެލް އާއި އުމާނާ އެވެ. އަދި ގްރީސްއިން ޖެހި ޕެނަލްޓީތައް ކާމިޔާބު ކުރި ކުޅުންތެރިންނަކީ މިޓްރޮލުގޫ އާއި ކްރިސްޓަޕޯލިސް އާއި ހަލަވޭސް ޖެހި ޕެނަލްޓީ އެވެ. އަދި ގްރީސުން ޕެނަލްޓީ ނާކާމިޔާބުވީ އެޓީމުގެ ގެކާސް ޖެހި ޕެނަލްޓީއެވެ. އެޕެނަލްޓީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޮސްޓަރިކާގެ ކީޕަރު ނަވާސް ދިފާއު ކުރީއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ކޮސްޓަ ރިކާ ނުކުންނާނީ ނެދަލެންޑްސް އާއި ދެކޮޅަށެވެ. އެމެޗް ކުޅޭނީ ޖުލައި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1:00ގަައެވެ.