އަގުހުރި އިނާމް ތަކަކާ އެކު، ރޯދަމަހަށް ޚާއްސަ ސޮފުހާއެއް ސަން އޮންލައިނުން މިރޭ ތަޢާރަފުކޮށްފި އެވެ. ސަން އިން މިރޭ ތަޢާރަފުކުރި ރޯދަ ސޮފުހާގެ ޑޮމެއިން އަކީ sun.mv/roadha އެވެ.

ސަން އިން މި ތަޢާރަފު ކުރި ސޮފުހާގައި ރޯދަމަހާ ގުޅޭ ތަފާތު ގިނަ ބައިތަކެއް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ރޯދަ މަހަށް ޚާއްސަކޮށްގެން ތަފާތު ވައްތަރުގެ ކާ އެއްޗެތި ތައްޔާރު ކުރާނޭ ގޮތް ގެނެސްދޭން ޚާއްސަކޮށްފައިވާ "ކާގެ" އާއި ދީނީ ނަސޭހަތާއި ޖޯކާއި ކުރުވާހަކަ ހިމެނެ އެވެ. މީގެ އިތުރުން ނަމާދު ގަޑިތައް ވެސް މި ސޮފުހާގައި ހިމަނާފައިވެ އެވެ.

ސަން އިން ތަޢާރަފު ކުރި ރޯދަ ސަފުހާގައި ފޮޓޯ އަރަތަށް ޚާއްސަ ބައެއްވެސް ވަނީ ހިމަނައިފަ އެވެ. ރޯދަ މަސް ނިމޭ އިރު އެންމެ ގިނަ ޖަވާބު ދިމާ ކުރާ ފަރާތަކަށް ހިޓާޗީ އައިސް އަލަމާރިއެއް ލިބޭ މި ބައިގައި ކޮންމެ ދުވަހަކު ތަފާތު ފޮޓޯއެއް ހިމެނޭނެ އެވެ. ފޮޓޯގައި ވަނީ ކޮން އެއްޗެއްކަން ދިމާ ކުރުމަށް އެސްއެމްއެސް ކުރާންވީ ގޮތް ފޮޓޯއާ ދިމާ ތިރީގައި ބުނެދީފައިވާނެ އެވެ. ރޯދަ މަސް ނިމޭ އިރު އެންމެ ގިނަ ޖަވާބު ދިމާކުރި މީހުންގެ އަދަދު އެކަކަށް ވުރެ ގިނަ ވެއްޖެ ނަމަ ހިޓާޗީ އައިސް އަލަމާރި ލިބޭ ނަސީބުވެރިޔާ ހޮވާނީ ގުރުއަތުލައިގެނެވެ. މި ގުރުއަތު ނެގުން އޮންނާނީ އެއްވަރު މީހުންގެ ހާޒިރުގައި ސަންގެ އިދާރާގަ އެވެ.

ސަން އޮންލައިންގެ ކްރިއޭޓިވް ޑައިރެކްޓަރު އިސްމާއީލް ޒާހީ ޒާހިދު (ޒާހީ) ވިދާޅުވީ ސަންގެ ރޯދަ ޕޭޖުން އާ ބައިތައް ކުރިޔަށް އޮތް ދުވަސް ތަކުގެ ތެރޭގައި ފެންނަމުންދާނޭ ކަމަށެވެ. އެ ގޮތުން އޮންލައިންކޮށް ޖަވާބުދީގެން ފުރިހަމަ ކުރެވޭ ސުވާލު ކުއިޒެއް ވަރަށް އަވަހަށް މި ސޮފުހާ މެދުވެރިކޮށް ފަށާނެ ކަމަށް ޒާހީ ވިދާޅުވި އެވެ.

"މި ސަފުހާއިން ކުރިޔަށް އޮތް ތަނުގައި އިތުރު ބައިތައް އަޅުގަނޑުމެންގެ ކިޔުންތެރީންނަށް ގެނެސްދެވޭނެ. އެންމެ އަވަހަށް ހުޅުވައިލެވޭނީ ފޯރިގަދަ ސުވާލު ކުއިޒް މުބާރާތެއް،" ޒާހީ ވިދާޅުވި އެވެ.

ޒާހީ ވިދާޅުވީ މި ސުވާލު ކުއިޒްގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެގެން ކަމަށެވެ. އެ ގޮތުން މި މުބާރާތުގައި އެކި ލެވެލްތަކަށް ކުޅެވެން ހުންނާނެ ކަމަށް ޒާހީ ވިދާޅުވި އެވެ. އެއް ބައިވެރިޔަކަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރުވެސް ކުޅެވިދާނެ ކަމަށާއި އެހެން ނަމަވެސް ސްކޯގެ ގޮތުގައި ކައުންޓްކުރާނީ އެ ބައިވެރިޔަކު ހޯދާފައިވާ އެންމެ މަތީ ސްކޯ ކަމަށް ވެސް ޒާހީ ވިދާޅުވި އެވެ.

ސަން ރޯދަ ސޮފުހާގެ ސުވާލު ކުއިޒުން އެންމެ މަތީ ސްކޯ ހޯދާ ފަރާތަކަށް 40 އިންޗީގެ ޓީވީއެއް އިނާމުގެ ގޮތުގައި ވަނީ ހުށަހަޅައިފަ އެވެ. އެކަކަށް ވުރެ ގިނަ ފަރާތް ސްކޯގެ ގޮތުން އެއްވަރުވެއްޖެ ނަމަ ޓީވީ ލިބޭ ނަސީބުވެރިޔާ ހޮވާނީ އެއްވަނަ އަށް ދިޔަ ބައިވެރީންގެ މެދުގައި ގުރުއަތުލައިގެނެވެ. މި ގުރުނެގުން އޮންނާނީ އެއްވަނައަށްދާ ބައިވެރިންގެ ހާޒިރުގައި ސަންގެ އިދާރާގަ އެވެ.

ސަންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) މިރޭ ވިދާޅުވީ ސަންގެ ރޯދަ ސަފުހާ އަކީ މި ފަދަ ކޮންމެ ޚާއްސަ މުނާސަބާ އަކާ ގުޅިގެން ސަންގެ ކިޔުންތެރީންނަށް ގެނެސްދޭ ޚާއްސަ ސޮފުހާތަކަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށެވެ. މި ފަދަ ސޮފުހާ ތަކުގެ މައިގަނޑު ބޭނުމަކީ އެ މުނާސަބަތެއްގެ ޚަބަރުތަކާއި މައުލޫމާތުތައް ސަންގެ ކިޔުންތެރީންނަށް ތަފާތު ގޮތަކަށް އިތުރު ފުރިހަމަ ކަމާއެކު ގެނެސްދިނުން ކަމަށް ހިރިގާ ވިދާޅުވި އެވެ.

ސަން އިން ވަނީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި އެންމެ ފަހުން އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ދާދި ފަހުން ރާއްޖޭގައި ބޭއްވި ޗެލެންޖް ކަޕަށް ޚާއްސަ ކޮށްގެން ވެސް އޮންލައިންގައި ވަކި ސޮފުހާ ތަކެއް ތައާރަފުކޮށްފަ އެވެ. އަދި މިހާރު ކުރިޔަށްދާ ވޯލްޑްކަޕަށް ވެސް ސަންގައި ވަނީ ޚާއްސަ ސޮފުހާއެއް ތައާރަފުކޮށްފަ އެވެ.