އަންކަރާ : ޔޫރަޕްގެ އިއްތިޙާދުން ތުރުކީއަށް މަކަރު ހަދަމުން ގެންދާ ކަމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ތުހުމަތު ކުރައްވައިފިއެވެ. އުރުދުޣާން ވިދާޅުވީ ޔޫރަޕްގެ އިއްތިޙާދުގައި ތުރުކީ ބައިވެރިކޮށްދޭނެކަމަށް އެއިއްތިޙާދުގެ ޤައުމުތަކުން ބުނަމުންގެންދާތީ އެކަމަށް ތުރުކީ އިންތިޒާރު ކުރަމުންގެންދާތާ އެތަށް އަހަރެއް ފާއިތުވިއިރުވެސް މިކަމުގެ ކޮޅެއް ކުރިއެއް އަދިިވެސް ނޭންގޭ ކަމުގެއެވެ. ވަރަށް ސަރީޙަކޮށް ވާހަލަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ތުރުކީ ޔޫރަޕްގެ އިއްތިޙާދުގައި ބައިވެރިކުރާނެކަން ނުވަތަ ނޫންކަން އެއިއްތިޙާދުގެ ޤައުމުތަކުން ސާފުކޮށް މިހާރު ބުނެދޭންޖެހޭ ކަމަށާ މިކަމަށް ތުރުކީކުރާ ދިގު އިންތިޒާރު ކޮޅެއްގައި ޖެހެންޖެހޭ ކަމުގައެވެ. މިމައްސަލާގައި ޔޫރަޕްގެ އެކިޤައުމުތަކުގެ ލީޑަރުން އެކިގޮތަށް ވާހަކަ ދައްކަވަނީ ތުރުކީއަށް މަކަރު ހެދުމުގެ ގޮތުންކަމަށް ބެލެވޭނެ ޖާގައެބައޮތް ކަމުގައެވެ. ޔޫރަޕްގެ އިއްތިޙާދުގައި ބައިވެރިވުމުގެ ފުރްސަތު ތުރުކީއަށް ނުދިނުމުގެ ސަބަބަކީ ތުރުކީއަކީ އިސްލާމީ ޤައުމަކަށްވުން ކަމަށް މުޙައްލިލުން ދެކެއެވެ. ޔޫރަޕްގެ ލީޑަރުންނާއި ރައްޔިތުންގެ ހިއްތަކުގައި އިސްލާމްދީނާމެދު އަދިވެސް ތަޢައްސުބާއި ޒާތީ އުސޫލު ގެންގުޅޭ ކަމަށް ތުރުކީގެ މީޑިޔާއިން ސިފަކުރެއެވެ. އަނެއްކޮޅުން ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ގްރީސްގެ ބޮޑުވަޒީރު ޖޯޖް ޕަޕަންޑްރިޔޯ ވަނީ ޔޫރަޕްގެ އިއްތިޙާދުގައި ތުރުކީ ބައިވެރިކުރުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފައެވެ. ޔޫރަޕްެ އިއްތިޙާދުގައި ހިމެނޭ އިރުމަތީ ޔޫރަޕްގެ ޤައުމުތަކަކީ ތަރައްޤީގެ ގޮތުންނާއ އިޤްތިސާދީ ގޮތުން ތުރުކީއަށްވުރެ ދަށުގައިވާ ޤައުމުތަކެވެ.