29 Jun 2014, 23:08
ދެވަނަ ހާފުގެ ކުރީ ކޮޅުގައި ލަނޑެއް ކާމިޔާބުކޮށް މެކްސިކޯ ކުރި ހޯދާފައި ވަނިކޮށް މެޗުގެ އިތުރު ވަގުތުގައި ކްލާސް-ޔޭން ހަންޓެލާ ކާމިޔާބުކުރި ޕެނަލްޓީއާ އެކު ފަހަތުން އަރައި މެކްސިކޯ 2-1 ލަނޑުން ބަލިކޮށް ނެދަލެންޑްސް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
އެސްޓޭޑިއޯ ކަސްޓެލާއޯގައި މިރޭ ކުޅުނު ގަދަ 16ގެ މެޗަށް ދެ ޓީމު ނުކުތް އިރު، ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ނެދަލެންޑްސް އާއި މެކްސިކޯ ބަލިވެފައެއް ނުވެ އެވެ. ގަދަ 16އަށް ނެދަލެންޑްސް ގްރޫޕް 'ބީ'ގެ އެއްވަނަ ޓީމުގެ ގޮތުގައި ދަތުރުކުރި އިރު، މެކްސިކޯ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް 'އޭ'ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
މި މެޗަށް ދެ ޓީމު ނުކުތް އިރު، ފޯޓަލޭޒާ ސިޓީގެ ހޫނު މިން ހުރީ 37 ޑިގްރީ ސެލްސިއަސްގައެވެ. އެހެންކަމުން މި މެޗުގެ 32 ވަނަ މިނެޓްގައި ވޯލްޑް ކަޕުގެ ތާރީހުގައި ނެގި ފުރަތަމަ ރަސްމީ ވޯޓާ ބްރޭކް ފެނިގެންދިޔަ އިރު، 77 ވަނަ މިނެޓްގައި ދެވަނަ ވޯޓާ ބްރޭކެއް ނެގި ތަން ފެނިގެންދިޔައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެކްސިކޯ އިން ލީޑު ނެގީ ދެވަނަ ހާފު ފެށިތާ ދެ މިނެޓް ފަހުންނެވެ. މި ލަނޑު މެކްސިކޯ އަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ޖިއޮވާނީ ޑޮސް ސަންޓޯސް އެވެ. ނެދަލެންޑްސްގެ ތިން ކުޅުންތެރިން އޭނާ ހުއްޓުވަން މަސައްކަތްކުރަން ކައިރި ވެފައި ވަނިކޮށް ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ނެދަލެންޑްސްގެ ގޯލުގެ ކަނަށެވެ. މިއީ 2012 ވަނަ އަހަރުގެ ޖޫން މަހަށް ފަހު ޑޮސް ސަންޓޯސް މެކްސިކޯއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ގިނަ ހަމަލާތަކަކަށް ފަހު، ނެދަލެންޑްސްއަށް ނަތީޖާ ހަމަހަމަ ކުރެވުނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ނެދަލެންޑްސް އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ވެސްލީ ސްނެއިޑާ އެވެ.
ޖެހިޖެހިގެން ހަ ވަނަ ވޯލްޑް ކަޕުގެ ގަދަ 16 އިން މެކްސިކޯ ކަޓުވާލުމަށް ޖެހި ޕެނަލްޓީ ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓްގެ ތެރޭގައެވެ. ހަންޓެލާ ކާމިޔާބުކުރި މި ޕެނަލްޓީ ނެދަލޭންސް އަށް ލިބުނީ މެކްސިކޯގެ ޕެނަލްޓީ އޭރިއާ ތެރެއިން އާރްޔެން ރޮބެން އަށް މެކްސިކޯގެ ކެޕްޓަން ރަފައެލް މާކޭޒް ކުރި ފައުލަކާ ގުޅިގެންނެވެ.
ކުއާޓާގައި ނެދަލެންޑްސް ބައްދަލުކުރަން ޖެހޭނީ މިރޭ 1:00 ގައި ކޮސްޓަ ރިކާ އާއި ގްރީސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމާ ދެކޮޅަށެވެ.