29 Jun 2014, 22:45
ބާން (ޖޫން 29) : އިންޑިޔާގެ ކުރީ ސަރުކާރަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުންނާއި މުއްސަނދި މަހުޖަނުން ނަހަމަ ގޮތުގައި ޖަމާކޮށްފައިވާ ކަމަށްބެލެވޭ ފައިސާތަކުގެ ތެރެއިން ސްވިސްބޭންކްތަކުގައި ބަހައްޓާފައިވާ އެތައްސަތޭކަ މިލިޔަން ޑޮލަރެއްގެ ފައިސާގެ މައްސަލަ ބަލަމުންގެންދާކަން ސްވިސްޓްޒަލޭންޑްގެ ސަރުކާރުން ހާމަކޮށްފި އެވެ.
ނަން ހާމަކުރަންނޭދޭ ސްވިސް މަސްއޫލުވެރިއަކު ވިދާޅުވީ މިމައްސަލަ ބަލަމުންގެންދަނީ އިންޑިޔާގެ މިހާރުގެ ސަރުކާރުގެ އެދުމުގެ މަތިން ކަމަށާއި މިގޮތުން ސްވިސް ބޭންކްތަކުގައި ފައިސާ ރައްކާކޮށްފައިވާ އިންޑިޔާގެ ކުރީ ސަރުކާރަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުންނާއި މުއްސަނދި މަހުޖަނުންގެ ލިސްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްވިސް ސަރުކާރުން މިހާރު ގެންދަނީ މިލިސްޓްގައި ހިމެނޭ އިންޑިޔާގެ ސިޔާސީ ފަރާތްތަކާއި މަހުޖަނުން ފައިސާ ހޯދާފައިވާ ގޮތްތަކާއި އެމީހުން އިންޑިޔާ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސްތައް ދައްކާފައިނުވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށާއި މިކަމުގައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންދާ ކަމަށް ނަން ހާމަކުރަންނޭދޭ ސްވިސް މަސްއޫލުވެރިޔާ ވިދާޅުވި އެވެ. ސްވިސް ބޭންކްތަކަކީ ނަހަމަ ގޮތުގައި ފައިސާ ޖަމާކުރާ މީހުންގެ ފައިސާތައް ދޮވެ އެފައިސާތަކަށް ރައްކާތެރިކަން ދޭ މަރުކަޒުތަކަކަށް ވިޔަނުދޭނެކަން ސްވިސް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ ދާދިފަހުން ވަނީ އިންޑިޔާގެ ސިޔާސީ ބައެއް ފަރާތްތަކާއި މަހުޖަނުންގެ ތެރެއިން ބައެއް މީހުން ފައިސާ ހޯދާފައިވާ ގޮތްތަކާއި އެމީހުން އިންޑިޔާ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސްތައް ދައްކާފައިނުވާ މައްސަލަތައް ބަލައި ތަހްގީގް ކުރުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާފަ އެވެ. އިންޑިޔާގެ ސިޔާސީ ބައެއް ފަރާތްތަކުން އެގައުމުގެ ގޭންގް ލީޑަރުންނާ އަދި ސްމަގްލިން ކުރާ ވިޔަފާރިވެރިންނާ ވެސް ގުޅުންތައް އޮންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިޔާއަކީ ދުނިޔޭގައި ކަރްޕްޝަން އެންމެބޮޑަށް އާންމު ވެފައިވާ ގައުުމުތަކުގެ ލިސްޓްގެ ކުރީގައިވާ ގައުމެކަށްވާ އިރު އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ސަރުކާރުގެ އިސްފަރާތްތަކުގެ މައްޗަށްވަނީ ކޮރަޕްޝަނުގެ ސީރިޔަސް ތުހުމަތު ތަކެއް ކުރެވިފައެވެ. އިންޑިޔާގެ ކޮރަޕްޓް ސިޔާސީ ލީޑަރުންނާއި ސްމަގްލަރުންނާއި ޓެކްސް ނުދައްކާ ވިޔަފާރިވެރިން ފައިސާ ރައްކާކުރަ ގައުުމުތަކުގެ ތެރޭގައި ސްވިސްޓްޒަލޭންޑްގެ އިތުރުން ބްރިޓިޝް ވާޖިން އައިލެންޑް އާއި މޮރިޝަސް ހިމެނެ އެވެ.
އިންޑިޔާގެ މަހުޖަނުންނާއި ސިޔާސީ ފަރާތްތަކުން ސްވިސް ބޭންކްގައި 500 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ރައްކާކޮށްފައިވާ ކަމަށް ޚަބަރުލިބެ އެވެ. (ބީބިސީ)