29 Jun 2014, 22:03
ރޯދަ ނުހިފައި މިއަދުގެ ދުވާލުގެ ވަގުތުގައި ސިނގިރެޓު ބޮނިކޮށް ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ ސިނގިރެޓު ބޮނިކޮށް ހައްޔަރު ކޮށްފައި ވަނީ 34 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އިތުރު ދެ ފިރިހެނުން ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މީހުންގެ ތެރެއިން 34 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ ހަވީރު 5:45 ހާއިރު ބާޒާރުމަތީ އާންމު ފާހާނާ ތެރޭ ސިނގިރެޓު ބޮނިކޮށް ކަމަށެވެ.
ފުލުހުން ހައްޔަރު ކުރި 23 އަހަރުގެ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރީ މިއަދު ހެނދުނު 10:20 ހާއިރު ރާނބާ ރެސްޓޯރަންޓް ކައިރި ސިނގިރެޓު ބޯން ހުއްޓާ ކަމަށާއި އަނެއް މީހާ ހައްޔަރު ކޮށްފައި ވަނީ 11:50 ހާއިރު ރެޑްވޭވް ޕްލާޒާ ކައިރީގައި ސިނގިރެޓު ބޯން ހުއްޓައި ކަމަށް ފުލުހުން ބުނެ އެވެ.
ހައްޔަރު ކުރި ތިން މީހުންނަކީ ވެސް މަސްތުވާތަކެއްޗާއި މާރާމާރީ އަދި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ސިނގިރެޓު ބުއި ތިން މީހުންގެ މައްސަލަ ވެސް ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެ އެވެ.