އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެ އަށް މި އަހަރުގެ މިހާތަނަށް 74 ސްކޮލަޝިޕް ދީފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

އިންޑިޔަން ހައި ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެކި ސުކީމްތަކުގެ ދަށުން މި އަހަރު 74 ސްކޮލަޝިޕް ރާއްޖެ އަށް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮމަންވެލްތު ސްކޮލަޝިޕް ސުކީމް އާއި ސާކް ސްކޮލަޝިޕް ސުކީމް އަދި އައިސީސީއާރް ސްކީމް ހިމެނެ އެވެ.

"އިންޑިޔާގެ ހައި ކޮމިޝަނާ ރަޖީވް ޝަހާރޭ ވަނީ އައިސީސީއާރް ސުކީމްގެ ދަށުން އިންޑިޔާ އަށް މަތީ ތައުލީމް ހާސިލު ކުރުމަށް މިއަދު ފުރަން ހަމަޖެހިފައިވާ 10 ދަރިވަރަކާ ޖޫން 26ގައި ބައްދަލު ކުރައްވައިފައި،" އެ ބަޔާނުގައިވެ އެވެ.

އިންޑިޔާ ސަރުކާރުން ފަންޑު ކުރާ ފަސް މިލިއަން ޑޮލަރުގެ ޓެކްނޮލޮޖީ އެޑޮޕްޝަން ޕްރޮޖެކްޓުގެ ދަށުން މިހާރު ވެސް 5،530 ދިވެއްސަކު ތައުލީމު ހާސިލުކޮށްފައިވާ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި 3،053 ޓީޗަރުންނާއި އައިޓީ ދާއިރާ އިން ތަމްރީނުވި 1،674 މީހުންނާއި 803 އައިސީޓީއާ ގުޅުން ހުރި ވޮކޭޝަނަލް ޓްރެއިނިން ކޯސް ފުރިހަމަ ކުރި މީހުން ހިމެނޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

އިންޑިޔާގެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބޮޑު އަހައްމިއްޔަތެއް ދޭނެ ކަމަށާއި އިންޑިޔާއަކީ ރާއްޖޭގެ ތަރައްގީގެ މަސައްކަތަށް އަބަދުވެސް އެއްބާރުލުން ދޭ ގައުމެއް ކަމަށެވެ.

"ދިވެހި ރާއްޖެއާ އެކު އޮންނަނީ ވަރަށް މުހިންމު ގުޅުމެއް. އިންޑިޔާ އިން އެކަމަށް ބޮޑު އަހައްމިއްޔަތެއްދޭ. އިންޑިޔާއަކީ ދިވެހި ރާއްޖޭގެ ތަރައްގީ އަށް އެންމެ ބޮޑު އެހީތެރިކަމެއްދޭ ގައުމު. ހާއްސަކޮށް ހިއުމަން ރިސޯސް ޑެވެލޮޕްމަންޓް އަދި ސިއްހީ ދާއިރާއިން އިންޑިޔާ ރާއްޖެ އަށް އެހީވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.