އިންޑިއާގެ އަވަށެއް ކަމަށްވާ ޗެންނާއީގައި ބާރަ ބުރިއަށް ހަދަމުން ދިޔަ އިމާރާތެއް ވެއްޓި 30 އަށް ވުރެ ގިނަ މީހުން ތާށިވެ ނުވަ މީހުން މަރުވެއްޖެ އެވެ.

ނޫސް އެޖެންސީ، އޭޕީ އިން މިއަދު ބުނީ އެ އިމާރާތް ވެއްޓިފައި ވަނީ އިއްޔެ ހަވީރު 5:30 އެހާކަންހާއިރު ބޯކޮށް ވާރޭވެހި ގުގުރުމުގެ ތެރޭގައި ކަމަށެވެ. އެއިރު އެ އިމާރާތުގައި މުވައްޒަފުން އަވަދި ނެތި މަސައްކަތުގައި އުޅެމުން ދިޔަ ކަމަށް ވެސް އޭޕީ އިން ބުންޏެވެ. އަދި އެ އިމާރާތް ވެއްޓުނީ ގަދައަށް ގުގުރުމުން ކަމަށް އެ އިމާރާތުގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށްވާ ބަލަގުރު ބުނެފައިވެ އެވެ.

"އާންމު ގޮތެއްގައި ގުގުރީގެ ސަބަބުން އިމާރާތަށް ލިބިދާނެ ގެއްލުމަކަށް ޚާއްސަ 'އިކްއިޕްމަންޓެއް' ހަރުކުރަން، އެއީ އަހަރުމެން އިމާރާތްކޮށް ނިމިގެން ހަރުކުރާ އެއްޗެއް. އެ އިމާރާތް އޭރު ހުރީ ނިމުމާ ވަރަށް ކައިރިވެފައި،" ބަގަލުރު އިންޑިއާގެ ޕްރެސް ޓްރަސްޓަށް ބުންޏެވެ.

ޗެންނާއީގެ އެ އިމާރާތާ ހަވާލުވެ މަސައްކަތް ކުރަމުން އައީ ޕްރައިމް ސްރިސްޓީ ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ ދެ ޑިރެކްޓަރުން ކަމަށްވާ މަނޯހަރަން އާއި އޭނާގެ ދަރިފުޅު މުއްތު ހައްޔަރުކޮށްފައިވާ ކަމަށް ޗެންނާއީ ފުލުހުންގެ ކޮމިޝަނަރު އެސް. ޖޯޖު އިންޑިއާގެ ނޫސް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

އެ ހާދިސާ ހިނގި ވަގުތު ހަތަރު މީހުން މަރުވެފައިވާ އިރު ފަސް މީހުން މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުންގެ އޮފިސަރަކު ބުނި ކަމަށް އޭޕީގައިވެ އެވެ. ސަލާމަތް ކުރި މީހުންގެ ތެރެއިން 13 މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި ހަ މީހަކު ވަނީ ފަރުވާ ދިނުމަށް ފަހު ގެއަށް ފޮނުވާލާފައި ކަމަށް ވެސް އެއޮފިސަރު ވަނީ ބުނެފަ އެވެ.

ވެއްޓުނު އިމާރާތުގައި މަސައްކަތްކުރަމުން ދިޔަ ގިނަ އަދަދެއްގެ މުއައްޒަފުންތަކެއް އަދި ވެސް ނުފެންނަ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތުގައި 300 ފުލުހުންނާއި ޗެންނާއީގެ ފަޔާ ސާވިސްގެ މުއައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ.