ބާސެލޯނާ އިން އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގައިން ހޯދަން މަސައްކަތް ކުރަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އޭނާ ބުނެފި އެވެ.

ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު، މިދިޔަ ސީޒަނުގައި ނަޕޯލީ އިން ފެނުނު ހިގައިން ވަނީ އެ ކްލަބަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ސީޒަނުގައި ނަޕޯލީ އަށް ކުޅުނު 41 މެޗުން 22 ލަނޑު ކާމިޔާބުކޮށްފަ އެވެ.

ހިގައިން ހޯދުމަށް ބާސާ އިން މަސައްކަތްކުރާ ކަމުގެ ވާހަކަތަކެއް މީޑިއާގައި ދެކެވެމުން ދިޔަ ނަމަވެސް، އޭނާ ވަނީ އެކަން ދޮގުކޮށް މިވަގުތު އޭނާގެ ވިސްނުމުގައި ހުރީ ވޯލްޑް ކަޕުގައި އާޖެންޓީނާ ތަމްސީލު ކޮށްދިނުން ކަމަށް ބުނެފަ އެވެ.

"އަހަރެންނަކަށް އޭގެ އެއްވެސް ވާހަކައެއް ނޭނގޭ،" ބާސާ އިން ހުށަހެޅުމެއް އައިސްފައި ވޭތޯ ރިޕޯޓަރަކު ސުވާލުކުރުމުން އޭނާ ބުންޏެވެ. "އާޖެންޓީނާ ގައުމީ ޓީމަށް ކުޅޭ އިރު، އަހަރެން ހަމައެކަނި ވިސްނަނީ މި ޓީމާ މެދު،"

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާ ބެހޭ ގޮތުން ހިގައިން ބުނީ، މެޗަކުން މޮޅުވުމަށް ޓަކައި އޭނާ އެ ކޮށްދެނީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި މެސީ އަކީ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި ގަދަ 16 ގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗަކީ އުނދަގޫ އިމްތިހާނަކަށް ވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.

މި މުބާރާތުގެ ގަދަ 16 ގައި ސްވިޒަލޭންޑާ ދެކޮޅަށް އާޖެންޓީނާ ނުކުންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 9:00 ގައެވެ. މި މެޗު ކުޅޭނީ ބްރެޒިލްގެ ސައޯ ޕޯލޯ ސިޓީގެ އެރީނާ ޑި ސައޯ ޕޯލޯގަ އެވެ.