29 Jun 2014, 13:26
މާދަމާ އޮންނަ ރައްޔިތުން މަޖިލިސް ޖަލްސާ އަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހާޒިރުކުރުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލިސް ޖަލްސާ އަށް ޑރ. ޝައިނީ ހާޒިރުކުރަނީ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިނިސްޓަރާ ސުވާލު ކުރެއްވުމަށް އެދިވަޑައިގެންފައިވާތީ އެވެ.
މިނިސްޓަރު ޝައިނީއާ ކުރައްވަން ރޮޒައިނާ ހުށަހަޅުއްވާފައިވާ ސުވާލަކީ ފިޝަރީޒް މިނިސްޓްރީން އައްޑޫގެ ތަރައްގީ އަށް މިއަހަރު އެއްވެސް މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވޭތޯ ކަމަށް ރައްޔިތުން މަޖިލިސް އިދާރާ އިން މައުލޫމާތުދެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިނިސްޓަރާ ސުވާލު ކުރުމަށް މެމްބަރުންނަށް ލިބިދީފައި އޮންނަ ބާރުގެ ދަށުން މިދިޔަ އަންގާރަ ދުވަހު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުކޮށް ސުވާލު ކުރައްވައިފަ އެވެ. ހައުސިން މިނިސްޓަރު ވެސް މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިވަޑައިގެންފައި ވަނީ ރޮޒައިނާ އާދަމެވެ. ނަމަވެސް މިނިސްޓަރާ ސުވާލު ކުރެއްވުން ކުރިއަށްގެން ދިޔަ ވަގުތު މަޖިލީހުގެ ނިޒާމް ގެއްލިގެން ވަނީ ޖަލްސާ ހުއްޓާލާފަ އެވެ.