ދިވެހި ރައްޔިތުން އެމްޑީޕީއަށް ވޯޓުދޭންވީ އެ ޕާޓީއަކީ ވައުދު ފުއްދާ ޕާޓީއަކަށް ވާތީ ކަމަށާއި އެކަން އެންމެ ގާތުން ދެކޭނެ އެއްބަޔަކީ ހިންނަވަރުގެ ރައްޔިތުން ކަމަށް އެ ދައިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞޯލިޙް ]އިބޫ[ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގައި ހިންނަވަރު ކައުންސިލަށާއި ހިންނަވަރު ދާއިރާއިން އަތޮޅު ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ތަޢާރަފްކޮށް، އެ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް ރޭ ހިންނަވަރު ހިއްކި ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ލާމަރުކަޒީ ކުރުމަކީ އެމްޑީޕީން އަބަދު ވެސް ވަކާލާތުކުރަމުން އައި ކަމެއް ކަމަށާއި އެހެން ރަށްރަށުގައި ތިބި ހިންނަވަރު ރައްޔިތުންގެ ގާތް މީހުންނާއި ރަހުމަތްތެރިންނަށް ވެސް މި ސަރުކާރަކީ ވައުދު ފުއްދަމުންދާ ކަންތައްތަކެއް ކުރިއަށް ރާވައިގެން ހިންގަމުން ގެންދާ ސަރުކާރެއްކަން ހިންނަވަރު ރައްޔިތުންގެ ތަޖުރިބާގެ އަލީގައި ކިޔައިދީ އިދިކޮޅު ފަރާތްތަކަށް މި އިންތިޚާބު ކާމިޔާބު ވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް އިބޫ އިލްތިމާސްކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވުމުން އެފަރާތްތަކުން ސަރުކާރު ޒިންމާދާރުކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭރު އިބޫ އުއްމީދުކުރެއްވި ކަމަށާއި އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތްކުރަމުންދަނީ ސަރުކާރުގެ ތަރައްޤީގެ މަސައްކަތްތަކަށް ހުރަސްއަޅައި ވީ އެންމެ އަވަސް ގޮތަކުން ވެރިކަން ހޯދުން ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫގެ ވާހަކަފުޅުގައި މީގެ 75 އަހަރު ކުރިން ފެށިގެން ހިންނަވަރަށް ދިމާވެފައިވާތީ އެރަށުގެ ގެދޮރުގެ ދަތިކަމަށް ހިންނަވަރުގައި ހިއްކި ބިމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނޭ ކަމަށް ވިދާޅުވި އެވެ.