29 Jun 2014, 13:21
ރޯދަޔަށް އެންމެ ހާއްސަ އެއް ބާވަތް ކަމުގައިވާ ކަރާގެ އަގު މާ ބޮޑުތަން ދަށަށް ދާނެ ކަމަށް ނުބެލެވޭ ކަމަށް ބައެއް ދަނޑުވެރިން ބުނެފި އެވެ.
މާރުކޭޓުގައި މިހާރު ކަރާ ކިލޯއެއް ވިއްކަމުން ދަނީ 18 ރުފިޔާ އާއި 20 ރުފިޔާއާ ދޭތެރޭ އަގުތަކެއްގަ އެވެ. މީގެ ކުރީ ދެ ރޯދަ މަހުން ފެށިގެން އައި އިރު އެންމެ އަގު ބޮޑުކޮށް ކަރާ ކިލޯއެއް ވިއްކާފައި ވަނީ 15 ރުފިޔާ އަށެވެ.
ތޮއްޑޫގެ ދަނޑުވެރިއެއް ކަމަށްވާ އަލީ ފާއިޒް ބުނި ގޮތުގައި އެ ރަށުން މިފަހަރު މާލެ ފޮނުވާ ކަރާގެ އަގު 15 ރުފިޔާ އަށް ވުރެ ދަށްްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނަނީ ތޮއްޑޫން މިފަހަރު މާލެ ގެންނަ ކަރާގެ ނިސްބަތް ދަށްވާނެތީ އެވެ.
"އަޅުގަނޑަށް ލަފާ ކުރެވޭ ކަރާ ކިލޯއެއްގެ އަގު ރޯދަ މަސް ފެށިގެން ނިމެންދެން ވެސް 15 ރުފިޔާ އާއި 20 ރުފިޔާ އާއި ދޭތެރޭގެ އަގުތަކެއްގައި ހިފެހެއްޓޭނެ ކަމަށް،" ތޮއްޑޫގެ ދަނޑުވެރިޔާ ފާއިޒް ބުންޏެވެ.
މާރުކޭޓްގައި ކަރާ ވިއްކަން އިން ވިޔަފާރިވެރިއެއް ކަމަށްވާ އާދަމް އިބްރާހިމް ބުނި ގޮތުގައި 18 ރުފިޔާ އާއި 20 ރުފިޔާ އަށް ވުރެ ކަރާގެ އަގު މިފަހަރު ބާޒާރުގައި ދަށަށް ދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބެއް ކަމަށް އާދަމް ބުނީ ތޮއްޑޫ ފަދަ ރަށްރަށުން ގެންނަ ކަރާ ރޯދަ މަހުގެ 15 އެއްހާ ހިސާބުން ހުސްވާނެ ކަމަށެވެ. އެގޮތުން ކަރާގެ އަގު ދާނީ އުފުލިގެން ކަމަށް އޭނާ ބުންޏެވެ.
ކާށިދޫ ދަނޑުވެރިއެއް ކަމަށްވާ ހަސަން އިބްރާހިމް ބުނީ އެރަށުން ވެސް މިފަހަރު ރޯދަޔަށް ގިނަ އަދަދެއްގެ ކަރާ ގެންނަ ކަމަށާއި އަދި ރޯދަ މަހުގެ ދެ ބައިކުޅަ އެއް ބަިއ ނިމޭ އިރު ވެސް ކަރާގެ އަގު 18 ރުފިޔާ އަށް ވުރެ ދަށް ވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ކަރާ އަކީ ރޯދަމަހަށް ވަރަށް ހާއްސަ މޭވާ އަކަށްވީ ނަމަވެސް ގިނަ ދަނޑުވެރިން ބުނަނީ މިފަހަރު ރޯދަ މަހު ކަރާގެ އަގު މާ ބޮޑުތަން ދަށަށް ނުދާނެ ކަމަށެވެ.