މުއާސަލާތީ ކުންފުނި، ދިރާގުން ބޮޑެތި އިނާމްތަކާ އެކު ރޯދަ ޕްރޮމޯޝަންތައް ފަށައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ މެނޭޖަރާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިފަހަރު ރޯދަޔަށް ހާއްސަކޮށްގެން ދިރާގުން ދޭ "ދިރާގު ބޮޑު ހަދިޔާ"ގައި ހަފްތާ އަކު އެއްފަހަރު ދޭ އިނާމުތަކާއި ރޯދަ މަސް ނިމުމުންދޭ އިނާމެއް ހިމެނޭ ކަމަށެވެ.

"ރޯދަ މަހުގެ ކޮންމެ ހަފްތާ އަކު ދޭ އިނާމުގެ ގޮތުގައި މިދެވެނީ ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނެގޭ ގުރުއަތަކުން ހޮވޭ ބޭފުޅަކަށް ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ވެސް ޔަމަހާ ސައިކަލެއް، އަދި ރޯދަ މަހު ލިބޭ އިނާމެއްގެ ގޮތުގައި ދިރާގުގެ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ނެގޭ ގުރުއަތަކުން ކޮންމެ ވެސް ކަސްޓަމަރަކަށް މިލިބެނީ ތިން ރޫމް އެޕާޓްމަންޓަކަށް ބޭނުންވާ ހުރިހާ ސާމާނެއް، އޭގެ ތެރޭގައި ފަރުނީޗަރާއި އައިސް އަލަމާރި ފަދަ ތަކެތި ވެސް ހިމެނޭ،" މިރުޝާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ގުރުގައި ބައިވެރިވުމަށް އެއްވެސް ކަސްޓަމަރަކު ވަކިކަމެއް ކުރަން ނުޖެހޭ ކަމަށާއި އެއީ ދިރާގުގެ ކަސްޓަމަރުންގެ ތެރެއިން ނަގާ ގުރުއަތަކުން ދެވޭ އިނާމްތަކެއް ކަމަށެވެ.

މިރުޝާން އިތުރަށް ވިދާޅުވީ ކޮންމެ ހަފްތާ އަކު ނަގާ ގުރުއަތަކުން ދިރާގުގެ ޕޯސްޕެއިޑް ކަސްޓަމަރަކަށް ޔަމަހާ ސައިކަލެއް ލިބޭ އިރު އެ ކަސްޓަމަރަކަށް ޔަމަހާގެ ހަތަރު ވައްތަރު ސައިކަލްގެ ތެރެއިން ބޭނުން ވައްތަރެއްގެ އަދި ބޭނުން ކުލައެއްގެ ސައިކަލެއް އިހުތިޔާރު ކުރެވޭނެ ކަމަށެވެ.

ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަން އެގްޒެކްޓިވް އިމްޖާދު ޖަލީލް ވިދާޅުވީ މިފަހަރުގެ ޕްރޮމޯޝަންގެ ތެރެއިން ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހަފްތާއެއްްގެ ތެރޭގައި 75 ރުފިޔާ ހަރަދުކޮށްގެން ހުކުރު ދުވަހު ހިލޭ ކޯލް ކުރެވޭނެ ކަމަށެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް އެފްއެފް ޖެއްސެވުމަށް ފަހު 343 އަކަށް އެސްއެމްއެސް ކުރުމުން ބައިވެރިވެވޭނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.

އިތުރު ޕްރޮމޯޝަންގެ ގޮތުގައި ދިރާގުގެ ކަސްޓަމަރުންނަށް ސައުދީއަރަބިއްޔާ އަށް މިނެޓަކު 1.89 ރުފިޔާ އަށް ގުޅޭނެ ކަމަށާއި އަދި ނަމާދު ވަގުތު ހަނދާން ކޮށްދިނުމުގެ އެސްއެމްއެސްގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.

ދިރާގުން ވަނީ އެހެން އަހަރު ތެކެކޭ އެއްގޮތަށް ދިރާގުގެ ޕްރީޕެއިޑް ނަމްބަރުތަކުން ޒަކާތް ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސައިފަ އެވެ. އެގޮތުން ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން *123# ޖެއްސަވާލެއްވުމަށް ފަހު މެނޫއިން 8 ނެގުމުން ޒަކާތް ދެއްކުމާ ބެހޭ ކަންކަން ހަމަޖެހިފައިވާ މެނޫ ފެނިގެންދާނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.

ދިޜާގުން ވަނީ މި ރޯދަމަހަށް ހާއްސަކޮށްގެން އަލަށް ޕްރީޕެއިޑް އެއް ނަންގަވާ ކޮންމެ ނަމްބަރަކަށް 150 އެމްބީ ހިލޭ ލިބޭ ޕުރޮމޯޝަންއެއް ވެސް ފަށާފަ އެވެ.