29 Jun 2014, 11:24
ވޯލްޑް ކަޕުގެ ގަދަ 16ގައި މިރޭ ނެދަލޭންޑްސް ކުޅޭ މެޗުގައި މޫސުމުގެ ސަބަބުން އެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ވެން ހާލް ބުނެފި އެވެ.
ގަދަ 16ގައި ގްރޫޕް ބީގެ އެއްވަނަ ނެދަލޭންޑްސް މިރޭ ނުކުންނަން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ހޯދި މެކްސިކޯއާ ދެކޮޅަށެވެ. މި މުބާރާތަށް ނުކުތް އިރު، ގިނަ ޓީމުތަކަކާއި ކުޅުންތެރިންތަކެއް ވަނީ މޫސުމުގެ މައްސަލަތައް ފާހަގަކޮށްފަ އެވެ. އެގޮތުން ހޫނުގެ ސަބަބުން ގިނަ މެޗުތަކުގައި ބައެއް ކުޅުންތެރިން ވޯޓާ ބްރޭކް ނަގާ މަންޒަރު ފެނެ އެވެ.
"އެއީ މައްސަލައެއް ނޫން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ވެން ހާލް ބުންޏެވެ. "މީގެ އަހަރެއް ކުރިން އަހަރެން ބްރެޒިލް އަށް ވާނީ އައިސްފައި. އޭރު މިއަށް ވުރެ ހޫނު ގަދަ. އެކަމަކު މިރޭގެ މެޗުގައި މޫސުމާ ހެދި އަހަރެމެންނަށް އަސަރުކުރާނެ. މިހެން ކަންތައް ދިމާވެދާނެތީ އަހަރެމެން ފިޓްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރިން."
އޭނާ ބުނީ، އިދިކޮޅަށް ނުކުންނަ މެކްސިކޯ އަށް މޫސުމުގެ އަސަރު ކުރިޔަސް، ނެދަލޭންޑްސް ޓީމަށް އެއަށް ވުރެ ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. އަދި މިރޭގެ މެޗު ކުޅޭ އެސްޓޭޑިއޯ ކަސްޓެލާއޯގެ ދަނޑުގެ ހާލަތު އެހާ ރަނގަޅު ނޫން ކަމަށް ވެސް ވެން ހާލް ބުންޏެވެ.
ގަދަ 16ގައި މެކްސިކޯއާ ދެކޮޅަށް ނެދަލޭންޑްސް ނުކުންނާނީ މިރޭ 9:00 ގައެވެ. މި މެޗަށް ނުކުންނަ އިރު، މި މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ނެދަލޭންޑްސް ބަލިވެފައެއް ނުވެ އެވެ.