ފުޓްބޯޅައަކީ، ބްރެޒިލް ރައްޔިތުންގެ ލެޔާ ގުޅިފައިވާ ކުޅިވަރެކެވެ. ދޮޅު ގަރުނު ވެފައިވާ މި ކުޅިވަރަކީ 1863ގައި އިނގިރޭސި ވިލާތުގައި އުފަންވި ކުޅިވަރެއް ކަމުގައިވީ ނަވަމަވެސް، ފުޓްބޯޅައިގެ ކާމިޔާބާއި އެ ކުޅިވަރުގައި އެންމެ ކާމިޔާބު ކުޅުންތެރިން އެންމެ ގިނަ ފަސްގަނޑަކީ ބްރެޒިލް ކަމާ މެދު ޝައްކެއް ނެތެވެ.

ދުނިޔޭގެ ފުޓްބޯޅަ މުބާރާތް ނުވަތަ "ވޯލްޑް ކަޕް" އެންމެ ގިނަފަހަރު ކުޅެ، އެންމެ ގިނަ ފަހަރު އެ މުބާރާތުގެ ތަށި އުފުލައިލުމުގެ ޝަރަފް އޮތް ހަމަ އެކަނި ގައުމަކީ ބްރެޒިލް އެވެ. ބްރެޒިލްގައި ދެވަނަ ފަހަރަށް ވޯލްޑް ކަޕް ބޭއްވޭ އިރު 1958، 1962، 1994 އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލައިލި ޓީމަށް އަމިއްލަ ފަސްގަނޑުގައި ތަށި އުފުލައިލުމުގެ ނަސީބު އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ. އެހެންކަމުން މިފަހަރަކީ އެތަކެއް މިލިޔަން ރުފިޔާގެ އަގު ހުރި މޮޅެތި ކުޅުންތެރިންގެ ސްކޮޑަކާ އެކު ބްރެޒިލުން އެ ތަށި އުފުލައިލާނޭ ކަމަށް ގިނަ ބަޔަކު އުންމީދުކުރާ ފަހަރެވެ.

ވޯލްޑް ކަޕްގެ ގަދަ 16ގައި ޗިލީއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުބަލަން ތިބި އެގައުމުގެ އާބާދީގައި ހިމެނޭ 200 މިލިޔަނެއްހާ ސަޕޯޓަރުންގެ އުންމީދުތައް ހުރީ ވަރަށް މަތީގަ އެވެ. ހަމަ އެހެންމެ ބްރެޒިލްގެ ރައްޔިތުން ކަމުގައި ނުވި ނަމަވެސް އެ ޓީމަށް ސަޕޯޓް ކުރާ އެތައް މިލިޔަން ބަޔަކު އެމީހުންގެ ޓީމާ ދޭތެރޭގައި އަންނަނީ ފޮނި އުންމީދުތަކެއް ކުރަމުންނެވެ.

ބްރެޒިލް ގަދަ 16ގެ ކުރިމަތިލުމަށް ނުކުތް އިރު، އެގައުމުގެ އެތައް މިލިއަން ގެއެއްގެ ޓީވީ ސްކްރީން ތަކާއި ރެސްޓޯރެންޓްތަކާއި މަގުތަކާއި ބީޗްތަކުގައި ބޮޑެތި ސްކްރީންތައް ބަހައްޓައިގެން، ބްރެޒިލްގެ "ރަން ރީނދޫ ޖާޒީގައި" މެޗު ބެލުމަށް ޓަކައި ސަޕޯޓަރުން އެއްވި އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ހާލަކީ މިއީ އެވެ. އެހެން ނަމަވެސް ބެލޯ ހޮރިޒޮންޓޭގެ ތާރީހީ ސްޓޭޑިއަމް ކަމަށްވާ އެސްޓާޑިއޯ މެނެއިރާއޯގައި ބްރެޒިލް "ދަތި ހާލެއްގައި" ޗިލީއަތުން މޮޅުވި މަންޒަރު ބަލަންތިބި ސަޕޯޓަރުން އެމީހުންގެ ލޯބިވާ ޓީމު މުބާރާތާ އަލްވަދާއު ކިޔައިފާނެ ކަމުގެ ހިތްދަތި އިހްުސާސުގައި މެޗު ނިމެންދެން ތިބެން ޖެހުނީ "ނޭވާ ހިފަހައްޓާލައިގެން"ނެވެ.

ބްރެޒިލް ކުއާޓާ ފައިނަލުން ޖާގަ ހޯދީ، 90 މިނިޓު ހަމަކޮށް ނަތީ ނުނެރެވިގެން، އިތުރު 30 މިނިޓާ އެކު 120 މިނިޓްގެ ކުޅުން ހަމަކޮށްގެން ވެސް ޗިލީ އަތްދަށުން ސަލާމަތް ނުވެވިގެން ތިއްބައި، އެންމެ ފަހުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ އިން 3-2ގެ ހަނި ތަފާތަކުން މޮޅުވެގެންނެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ "ޕަވަހައުސް"އާ ދެކޮޅަށް ޗިލީގެ ހުނަރުވެރި ކުޅުންތެރިން ދެއްކި މޮޅު ކުޅުމާއި އެންމެ ފަހު ވަގުތާ ޖެހެންދެން އެ ދެއްކި ވާދަވެރިކަމުގެ ސަބަބުން ބްރެޒިލްގެ ސަޕޯޓަރުން ކީއްކުރަން ހެއްޔެވެ. އެޓީމުގެ ކުޅުންތެރިން ވެސް ތިބީ އާޝޯޚް ވެފަ އެވެ. ސަލާމަތް ވެވޭނެ ކަމުގެ އުންމީދު އެއްކޮށް ގެއްލިފަ އެވެ.

"މެޗުގައި ފެނިގެން ދިޔައީ މުޅިން ބޭކާރު ކުޅުމެއް. އެމީހުންނަށް ރަނގަޅު ކުޅުމެއް ނުދެއްކުނު. އޭގެ ސަބަބުން މިހާލަތަށް ދާންޖެހުނީ،" ބްރެޒިލްގެ ވޯލްޑް ކަޕް ސިޓީއެއް ކަމަށްވާ ރެސިފޭގައި މެޗު ބަލަމުން ދިޔައިރު ގިނަ ވަގުތު މޭޒުމަތީ ނިތްކުރި ޖައްސައިގެން އޮތް މެތިއަސް މަކާޑޯ ކިޔާ 31 އަހަރުގެ ލޯޔަރަކު އޭޕީއަށް ކިޔައިދިނެވެ. "އެއީ ބުނެދޭން ވެސް ނޭނގޭހާ ވޭންދެނިވި ވަގުތުކޮޅެއް."

"އެންމެ ފަހުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން މިދިޔައީ. އަހަންނަށް އެނގޭ ޗިލީއަކީ މޮޅުޓީމެއް ކަން. އެހެން ނަމަވެސް އަހަރެމެންނަކީ ފުޓްބޯޅައިގެ ވަރުގަދަ ސަގާފަތެއް އޮތް ބައެއް. އެހެން ކަމުން މިއީ އަހަރެމެންނަށް ވަރަށް މުހިއްމު މޮޅެއް،" މެތިއަސް އިތުރަށް ކިޔައިދިނެވެ.

ރިއޯ ޑި ޖެނެރިއޯގެ މަރަކާނާ ސްޓޭޑިއަމްގައި ގަދަ 16ގެ ކޮލަމްބިޔާއާ އުރުގުއޭ ބައްދަލު ކުރަން އޮތް މެޗަށް ޓިކެޓް ނަގައިގެން ތިބި އެތަކެއްހާސް ސަޕޯޓަރުންނެއް ވެސް ވަނީ، މާ ކުރިން ސްޓޭޑިއަމަށް ވަދެ އެތަނުގައި ހުރި ބިޔަ ސްކްރީން ކައިރީގައި ތޮއްޖެހިގެން ތިބެ ބްރެޒިލް މެޗު ބަލައިފަ އެވެ.

"މެޗު ނިމުނު އިރު އަހަރެން ހުރީ މުޅިން ދާހިއްލައި ފޯވެފައި،" މަރަކާނާ ސްޓޭޑިއަމްގައި ބޮޑު ސްކްރީނުން މެޗު ބަލަން އިން އަނާ ޕައުލޯ ރޮމޭރޯ ކިޔައިދިނެވެ.

އޭނާ ވާހަކަ ދައްކަމުން ދިޔައިރު އަޑަށް ބާރުލާފައި ކުރަމުން ދިޔައީ ޝަކުވާ އެވެ. ސަޕޯޓަރުންނަށް އެފަދަ ހިތްދަތި ހާލެއް ޖައްސައިގެން ނުވާނެ ކަމަށް ބުނެ ޝަކުވާކުރަމުން ދިޔަ އެވެ.

"އެއީ ވަރުގަދަ ޓީމެއް ނޫން. އެމީހުން ލަނޑެއް ކާމިޔާބުކުރާނެ ފުރުސަތެއް ތަނަވަސް ކުރަން ވެސް ވަރަށް ހާލުގައި އުޅުނީ،" ބްރެޒިލް ސްކޮޑާ ބެހޭ ގޮތުން ރޮމެރޯ ކިޔާ އެގައުމުގެ ރައްޔިތަކު ބުންޏެވެ. "އަހަރެމެން ބްރެޒިލްގެ ރައްޔިތުން ބޭނުންވަނީ ޕެނަލްޓީ ޖަހައިގެނެއް ނޫން މެޗުން މޮޅުވާން."

އެއީ ބްރެޒިލްގެ ސަޕޯޓަރުންގެ ހިތުގައި ޓީމާ ދޭތެރޭގައި ހުރި އިހުސާސްތަކެވެ. ހަމަ ގައިމު ވެސް ބްރެޒިލް ފަދަ، ފުޓްބޯޅައިގެ ހުރިހާ ވައްޓަފާޅިއަކާ ސްޓައިލެއް ލިބިފައިވާ ޓީމެއް މިފަދަ ހާލަތެއްގައި މުބާރާތުގައި ކުރިއަށް ދިއުމަކީ އެ ޓީމުގެ ސަޕޯޓަރުން ހިތަށް ކެތްވާނޭ ކަމެއްވެސް ނޫނެވެ.

"ބްރެޒިލް ކުއާޓާއަށް ދިއުމުން އަހަންނަށް ކުރެވިގެން ދިޔައީ ބުނެދޭން ވެސް ނޭނގޭ ފަދަ އިހްސާސްތަކެއް،" ބްރެޒިލްގެ ކުރީގެ މިޑްފީލްޑަރެއް ކަމަށްވާ ޖުނީނިއޯ ބުންޏެވެ. "ގަބޫލުކުރަން ވެސް ދަތި. އެކަމަކު މިހާރު ހިތަށް ހަމަޖެހުމެއް ލިބިއްޖެ. އަހަރެމެން އެހާ ފަސޭހައިން މިމުބާރާތުން ކަޓައިގެން ނުވާނެ."

ބްރެޒިލް މިހާރު ކުޅޭ ކުޅުމާ ދޭތެރޭގައި ޖުނީނިއޯ ބުނީ، ދިގު ޕާސްތައް ދީގެން ކުޅޭ ޓީމަކަށް ބްރެޒިލް ނުވާތީ، އިދިކޮޅު ޓީމުތަކާ ދެކޮޅަށް ކުޅޭ މެޗު ތަކުގައި ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް މެޗަކަށް ވުރެ މެޗެއް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

ދެން އޮތީ ބަލިވި ޓީމުގެ ވާހަކަ އެވެ. މިއީ ވޯލްޑް ކަޕްގެ ގަދަ 16ގައި ބްރެޒިލް އަތުން ޗިލީ ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ. ސައުތު އެފްރިކާގައި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ހަމަ މި ދެޓީމު ވާދަކޮށް ޗިލީ ބަލިވީ 3-0 އިންނެވެ. އެހެން ނަމަވެސް ބްރެޒިލްގެ އަމިއްލަ ފަސްގަނޑުގައި ޗިލީން ވަނީ، އެންމެ ފަހު ވަގުތާ ޖެހެން ދެންވެސް ބްރެޒިލަށް ފިސާރި "ކުޅިކަން" ދައްކާލަދީފަ އެވެ. މެޗުން ބަލިވި ނަމަވެސް ބްރެޒިލްގެ ސަޕޯޓަރުންނަށް ވުރެ، ޗިލީ ސަޕޯޓަރުން އެމީހުންގެ ޓީމާ ދޭތެރޭގައި ފަހުރުވެރި ވާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

"އަހަރެން އެމީހުން ކައިރީ ބުނިން ރަނގަޅު ރައްދެއް ދޭން. އަހަރެން އެމީހުން ކައިރީ ބުނިން، ހިތްވަރާއެކީ ކުޅެން. އަހަރެން އެމީހުން ކައިރީ ބުނިން، ތާރީހުން ރީތި ޖާގައެއް ހޯދަން. އަހަރެމެންނަށް ވަރަށް ކައިރިއަށް ދެވުނު. އެކަމަކު ނަސީބު ދެރަކަމުން އަހަރެމެންނަށް މޮޅުނުވެވުނީ،" ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ ހިތްވަރަށް ތައުރީފު ކުރަމުން ޗިލީގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުންޏެވެ.

ބްރެޒިލް ޓީމަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އިރު، އެޓީމަށް ދެންވެސް އޮތީ، ފަސޭހަ މެޗެއް ނޫނެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގައި ބްރެޒިލް ވާދަކުރަން ޖެހޭނީ، މި މުބާރާތުގައި އަދި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ، މޮޅު އަދި އެހާމެ ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ، ކޮލަމްބިއާއާ އެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:00ގައި ފޯޓަލޭޒާގެ އެސްޓާޑިއޯ ކަސްޓެލާއޯގައި ބްރެޒިލާ ދެކޮޅަށް ކުއާޓާ ފައިނަލް ކުޅެން ނުކުންނައިރު ކޮލަބިއާ ވަނީ، ގްރޫޕް ސްޓޭޖްގައި ގްރީސް އަތުން 3-0 އިން، އައިވަރީ ކޯސްޓް އަތުން 2-1 އިން، ޖަޕާނު އަތުން 4-1 އިން އަދި ގަދަ 16ގައި ޔުރުގުއާއީ އަތުން 2-0 އިން މޮޅުވެފަ އެވެ.