ރިޔާޟް (ޖޫން 29): އިސްލާމް ދީނުގެ ނަމުގައި ހަރަކާތްތެރިވަމުންދާ ހައްދުފަހަނަޅާފައިވާ ފަރާތްތައް ސައޫދީ ވެރިކަމުގެ ނިޒާމަށް ނުރައްކާ ކުރަމުން ގެންދާ ކަމަށާ އެފަދަ ފަރާތްތައް ޗިސްޗިސް ކޮށްލައްވާނެ ކަމުގެ އިންޒާރު ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒު ދެއްވައިފި އެވެ.

ބަރަކާތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތާ ގުޅިގެން ސައޫދީ ރަސްމީ ޓީވީ އާއި ރޭޑިޔޯ މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި އަބްދުﷲ ބިން އަބްދުލްއަޒީޒު ވިދާޅުވީ އިސްލާމީ ފިކުރުގެ ނަމުގައި ސައޫދީ ވެރިކަމުގެ ނިޒާމަށް ނުރައްކާ ކުރަމުން ގެންދާ ފަރާތްތަކަކީ އިސްލާމީ ހެދުމުގައި ތިބި "ޓެރަރިސްޓުން" ކަމަށާ އެއީ ދީނާއި ގައުމާއި އުންމަތުގެ ހަގީގީ ދުޝްމަނުން ކަމުގަ އެވެ.

ސައޫދީ ރަސްގެފާނު އިތުރަށް ވިދާޅުވީ އިސްލާމީ ހެދުން އަޅައިގެން ތިބި "ޓެރަރިސްޓުންގެ ބައިގަނޑަށް" ސައޫދީ މުސްލިމް އުންމަތުގެ އެތެރޭގައި ހަމަނުޖެހުން އުފައްދައި އަމަންއަމާން ކަމުގައި ދިރިއުޅެމުންދާ ސައޫދީ މުސްލިމް ރައްޔިތުންނަށް ބިރުދެއްކުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާ އެމީހުންގެ ދުވަސް ދުއްވާލާނެ ކަމުގަ އެވެ. އަދި އިސްލާމީ ހެދުން އަޅައިގެން ތިބެ ދީނުގެ ޝިއާރުތައް އުފުލައިގެން ބޮންގޮއްވައި ހަރުކަށި އަމަލުތައް ހިންގައި މީހުން މަރައި މުޖްތަމައުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކަކީ އިސްލާމް ދީނުގެ ދުޝްމަނުން ކަމަށާ އެފަރާތްތައް މަސައްކަތްކުރަނީ އުންމަތް ހަލާކުކޮށް ތަރައްގީގެ ވަސީލަތްތައް ވީރާނާކޮށް ރައްޔިތުން ނިކަމެތިކޮށްލުމަށް ކަމަށް ވެސް ސައޫދީ ރަސްގެފާނުގެ ޚިތާބުގައި ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން އެފަދަ ފަރާތްތަކުން ދީނީ ޝިއާރުތައް ކުރިޔަށްނެރެގެން އުޅެނީ އެމީހުންގެ އަމިއްލަ މަގްސަދްތަކެއް ހާސިލް ކުރުމަށް ކަމަށާއި އެފަދަ ފަރާތްތަކުގެ "ދަލުގައި ނުޖެހުމަށް" ސައޫދީ ރަސްގެފާނު ރައްޔިތުންނަށް އިލްތިމާސް ކުރެއްވި އެވެ.

ސައޫދީ ރަސްގެފާނު މިމޭރުމުން ވާހަކަ ދައްކަވާފައި މިިވަނީ އެގައުމަށް ކުރިމަތިވެދާނެ "ޓެރަރިސްޓް ހަމަލާތަކަކުން" ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅިކަން ސައޫދީ ސަރުކާރުން އިޢްލާންކުރިތާ ދެދުވަސް ފަހުންނެވެ. ސައޫދީ އަރަބިޔާ ސަރުކާރުން މިފިޔަވަޅުތައް އަޅާފައި މިވަނީ އިރާގުގައި ހަރަކާތްތެރިވާ ނުރައްކާތެރި އަދި ބާރުގަދަ ހަނގުރާވެރި ޖަމާއަތެއް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް)ގެ ހަނގުރާމަވެރިން އިރާގުގެ ބޮޑުބައެއް ހިފުމަށް ފަހު އިރާގު ސަރުކާރު ވައްޓާލައި އިރާގާއި ސޫރިޔާ އާއި ކުވައިތާއި ލުބްނާނާއި އުރުދުންއާއި ފަލަސްތީނު ހިމެނޭގޮތަށް އިސްލާމީ ޚިލާފަތެއް ގާއިމް ކުރާނެ ކަމުގެ އިންޒާރު ދެމުންގެންދާ ދަނޑިވަޅެއްގަ އެވެ.

އިރާގުގައި ހަނގުރާމަވެރިންގެ ބާރުގަދަވެ އިރާގުގެ ވެރިކަމުގެ ނިޒާމު ވެއްޓި އެސަރަހައްދު ހަނގުރާމަވެރިންގެ އަތްދަށަށް ހިނގައްޖެ ނަމަ އެކަމުގެ ނުރައްކަލުން ޚުދު ސައޫދީ އަރަބިޔާ ވެސް ސަލާމަތް ނުވާނެކަމަށް ވިދާޅުވެ މީގެ ދެދުވަސްކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ ސައޫދީ ރަސްގެފާނާ ބައްދަލުކުރެއްވުމަށް ފަހު ޖިއްދާގައި ވާހަކަ ދައްކަވާފަ އެވެ. ޖޯންކެރީ ސައޫދީ ރަސްގެފާނާ ބައްދަލުކުރެއްވުމަށް ފަހު ސައޫދީ ސަރުކާރުން ނެރުނު ބަޔާނެއްގައި އިރާގުގައި އެމެރިކާ ގާއިމްކޮށްފައިވާ ވެރިކަމުގެ ނިޒާމަށް ތާއީދުކޮށް އެނިޒާމް ހިމާޔަތް ކުރުމުގައި އެހީތެރިވެދިނުމަށް އިރާގުގެ ސުންނީންނަށް ސައޫދީ ސަރުކާރުންވަނީ އިލްތިމާސްކޮށްފަ އެވެ.

ސައޫދީ ސަރުކާރުން މިމޭރުމުން ވާހަކަ ދެއްކި ނަމަވެސް އިރާގުގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވާ ކަމުގެ ތުހުމަތު ސައޫދީ ސަރުކާރުގެ މައްޗަށް ވަނީ ކުރެވިފަ އެވެ. އިރާގުގެ ބޮޑުވަޒީރު ނޫރީއަލްމާލިކީ ދާދިފަހުން ވެސް ވަނީ އިރާގުގައި ހަަޖެހުން ނަގާލައި ބޮންގޮއްވުމާއި މީހުން މެރުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުގެ ފަހަތުގައި ސައޫދީ އަރަބިޔާއާއި ގަތަރާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް ވާކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް މިތިން ގައުމުން މިކަން ދޮގުކުރެ އެވެ. މީގެ އިތުރުން ސައޫދީ އަރަބިޔާއަކީ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ވެސް އެހީތެރިވާ ކަމުގެ ތުހުމަތު ކުރެވިފައިވާ ގައުމެކެވެ. އިރާގާއި ސޫރިޔާގައި ހަނގުރާމަކުރާ ހަރުކަށި ޖަމާއަތްތަކުގެ ސަފުތަކުގައި ސައޫދީ ޒުވާނުންގެ އެތައް ސަތޭކަ ބަޔަކު ހަނގުރާމަކުރަމުންދާ ކަމުގެ ރިޕޯޓްތަކާ ގުޅިގެން ސައޫދީ ރަސްކަމުގެ ދީވާނުން ދާދިފަހުން ވަނީ އެފަދަ ފަރާތްތައް ތިން އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ އަމުރެއް ވެސް ނެރެފަ އެވެ.

އިރާގުގައި މީގެ 10 ވަރަކަށް އަހަރުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސްލަކީ އެމެރިކާ ސިފައިން އިރާގަށް އަރައި އިރާގުގައި ހިންގި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކާއި އިރާގު ސިފައިންގެ ތަޖްރިބާކާރު ލަޝްކަރުތައް ރޫޅާލުން ކަމަށް މުހައްލިލުން ދެކޭ އިރު އިރާގުގެ ޝިޔައީ ލީޑަރުން ފަހަތުގައި ތިއްބަވައިގެން އެމެރިކާ ސިފައިން 2003 ވަނައަހަރު އިރާގަށް އަރައިގަތުމުގައި ވެސް އެމެރިކާ އަށް ތާއީދުކޮށް އެމެރިކާ އަށް އެންމެ ބޮޑު އެއްބާރުލުމެއް ދިން އެއްގައުމަކީ ސައޫދީ އަރަބިޔާ އެވެ. ދެވަނަ ގައުމަކީ ކުވައިތެވެ.

އިރާގާއި ސޫރިޔާގެ އިތުރުން ޕާކިސްތާން ފަދަ އިސްލާމީ އެތައް ގައުމެއްގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކަކީ ބޭއިންސާފާއި ނިކަމެތިކަމާއި ފަގީރުކަމުގެ ތެރެއިން އުފެދިފައިވާ ޖަމާއަތްތަކަކަށްވާތީ އެފަދަ ޖަމާއަތްތަކުގެ ހަގީގީ މަގްސަދަކީ ބަދަލުހިފުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. (ނޫސްއެޖެންސީތައް)