ވޯލްޑް ކަޕްގެ ގްރޫޕް ޑީގައި ކުޅުނު ފަހު މެޗުގައި އިޓަލީގެ ކުޅުންތެރިއެއް ގައިގައި ދަތް އެޅުމުގެ ސަބަބުން ފީފާ އިން ޔުރުގުއާއީ ފޯވަޑް ސަސްޕެންޑް ކުރުމުގެ ސަބަބުން އޭނާގެ އާއިލާ ނިދިން މަހްރޫމްވެފައިވާ ކަމަށް ސުއަރޭޒްގެ ބައްޕަ ބުނެފި އެވެ.

އިނގިރޭސި ކްލަބު ލިވަޕޫލް އަށް ކުޅެމުންދާ ފޯވަޑް ސުއަރޭޒް ސަސްޕެންޑް ކުރީ އިޓަލީގެ ޖޯޖިއޯ ކިއެލިނީގެ ކޮނޑުގައި ދަތް އެޅުމުގެ ސަބަބުންނެވެ. ފީފާ އިން ސުއަރޭޒް ދަތް އެޅި މައްސަލަ ބެލުމަށް ފަހު، ނިންމީ ބައިނަލްއަގްވާމީ ނުވަ މެޗަށް އޭނާ ސަސްޕެންޑްކޮށް، ހަތަރު މަސް ދުވަހު ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވޭވޭ ގޮތަށް ސަސްޕެންޑް ކުރުމަށެވެ.

"އަހަރެމެން މި ތިބީ ވަރަށް ވަރުބަލިވެފައި. އަހަރެމެންނަށް ހަމަ ނިންޖެއް ވެސް ނުލިބޭ،" 'ލަ އެފްއެމް' އަށް ދިން އިންޓަވިއުއެއްގައި ސުއަރޭޒްގެ ބައްޕަ ރޮޑޮލްފޯ ސުއަރޭޒް ބުންޏެވެ. "ސަސްޕެންޝަނާ ގުޅިގެން އަހަރެމެން މި ތިބީ ވަރަށް ބޮޑު ހިތާމައެއްގައި. އަހަރެމެންނަށް ލިބިފައި ވަނީ ކިހާވަރެއްގެ ހިތާމައެއްތޯ ފީފާއާ ސުވާލުކުރޭ."

ސަސްޕެންޑް ކޮށްފައިވާ، ސުއަރޭޒް ހޯދުމަށް ސްޕެއިންގެ އެންމެ ބޮޑު ދެ ކްލަބު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އިން އަދި ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ސުއަރޭޒްއާ ނުލައި ކުޅުނު ގަދަ 16ގެ މެޗުން ކޮލަމްބިއާ އަތުން 2-0 ލަނޑުން ބަލިވެ، ޔުރުގުއާއީ ވަނީ ރޭ މުބާރާތާ އަލްވަދާއު ކިޔައިފަ އެވެ. މި މުބާރާތުގައި ސުއަރޭޒް ނުލައި، ޔުރުގުއާއީ ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.