ތޮއްޑޫން: އަހުމަދު ސާއިލް އަލީ

އެއީ ބަނގުލަދޭސް ރައްޔިތެއް ކަމަށްވާ މުހައްމަދު ހާޝިމް އެވެ. އޭނާ ތޮއްޑޫގައި މަސައްކަތް ކުރާތާ ލައްކަ ދުވަސް ވެއްޖެ އެވެ. އޭނާ އަކީ ބުރަކޮށް މަސައްކަތް ކުރާ ދަނޑުވެރިއެކެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ހަވީރު 6:00 ޖަހަންދެން އޭނާ އުޅެނީ ދަނޑުވެރިކަމުގެ ބުރަ މަސައްކަތުގަ އެވެ.

"ދަނޑުގައި ގިނަ މަސައްކަތް އަހަރުމެން ކުރަނީ، ދިވެހި މީހާ އަންނަނީ، އައިސް ބުނަނީ މިހެން މަސައްކަތް ކުރަނީއޭ، ދެން އަހަރެމެން މަސައްކަތް ކުރަނީ،" ހާޝިމް ބުންޏެވެ.

ހާޝިމް ބުނި ގޮތުގައި އޭނާ އެ ކުރާ މަސައްކަތުން މަހެއްގެ މައްޗަށް އާމުދަނީގެ ގޮތުގައި އޭނާ އަށް 3500 ރުފިޔާ ލިބެ އެވެ. އޭނާ ބަލަހައްޓަމުންދާ ދަނޑުތަކުގައި ބުރަ އަދި ގިނަ މަސައްކަތްތައް ކުރަނީ އޭނާ އާއި އޭނާއާ އެކު މަސައްކަތްކުރާ ބިދޭސީންނެވެ.

ތޮއްޑޫގެ ދަނޑެއްގައި ބިދޭސީއެއް މަސައްކަތް ކުރަނީ-- ސަން ފޮޓޯ: ޔޫސުފް ސޮއްފާން

އެހެންމީހެކެވެ. އެއީ ބަނގުލަދޭސްގެ ރައްޔިތެއް ކަމަށްވާ ޝައުދުއްﷲ ބައްޝާރު އެވެ. އޭނާ ތޮއްޑޫގައި މަސައްކަތް ކުރާތާ މިހާރު 12 ވަރަކަށް އަހަރުވެއްޖެ އެވެ. އޭނާ އަކީ ވެސް އެ ރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ މީހެކެވެ. "ބޮޑު ސިންގާ" ދަނޑެއްގައި ކުރަން ޖެހޭ މަސައްކަތުގެ ބޮޑުބައެއް ފުރަނީ އޭނާ ކަމަށް އޭނާ ބުންޏެވެ.

"މޯނިން [ހެނދުނު] 5:30 އިން ރޭގަނޑު ވަންދެން އަހަރެން ކޮންމެ ދުުވަހަކު ވެސް ދަނޑުގައި މަސައްކަތް ކުރަނީ،" ބައްޝާރު ބުންޏެވެ.
ތޮއްޑޫގެ ދަނޑެއްގައި މަސައްކަތް ކުރާބިދޭސީއެއް -- ސަން ފޮޓޯ: ޔޫސުފް ސޮއްފާން

ތޮއްޑު އަށް ކުރި ދަތުރުގައި މި ރަށުގެ ދަނޑުތައް ބަލާލަށް އައުމުން އަހަރެންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ދަނޑުތަކުގައި މަސައްކަތް ކުރާ ބިދޭސީންނެވެ. ދަނޑުތަކަށް ފެންދިނުމާއި ބޭސްޖެހުމުގެ އިތުރުން ދަނޑުތަކުން މޭވާ ކެނޑުމާއި އެތަކެތި މާލެ ފޮނުވުމަށް ދޯންޏާ ހިސާބަށް ގެންދިއުމުގައި ވެސް އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ބިދޭސީންނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އެހެރަ ބޮޑެތި ދަނޑުތަކުގެ ސަރުދާރުންނަށްވެ މަސައްކަތުގައި ގިނައިން ހަރަކާތްތެރިވާތަން ފެންނަނީ ބިދޭސީންނެވެ.

ތޮއްޑޫގެ ދަނޑުވެރިއެއްކަމަށްވާ ފާއިޒް އަލީ ބުނި ގޮތުގައި އެ ރަށު ދަނޑުތަކުގައި ބިދޭސީން ގެންގުޅެނީ، "ބިދޭސީންނާ ނުލާ މިގައުމުގައި ދެން ކަމެއް ނުކުރެވޭނެތީ، މިރަށުގައި ވެސް ބިދޭސީން ގެންގުޅެނީ،" އެވެ.

ތޮއްޑޫ ކައުންސިލުން ބުނި ގޮތުން އެރަށު ދަނޑުތަކުގައި ގާތްގަނޑަކަށް 250 ވަރަކަށް ބިދޭސީން މަސައްކަތް ކުރެ އެވެ. ބިދޭސީންނާ ވާހަކަ ދައްކާލުމުން އެނގޭ ގޮތުގައި އެމީހުންގެ މުސާރައަކީ ގާތްގަނޑަކަށް 3000 ރުފިޔާ އެވެ. އެހެންކަމުން ބިދޭސީންނަށް އެ ރަށުން ގާތްގަނޑަކަށް މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 750000 ރުފިޔާ ބޭރުވެ އެވެ.

ތޮއްޑޫގެ އެހެން ދަނޑުވެރިއެއް ކަމަށްވާ އަހުމަދު މަނިކު ބުނި ގޮތުގައި އެ ރަށުގެ ގިނަ ދަނޑުތަކުގައި ބިދޭސީއެއް ނުވަތަ ދެ ބިދޭސީއެއް ހަރަކާތްތެރިވެ އެވެ. ބިދޭސީން ގެންގުޅެނީ ކީއްވެތޯ ސުވާލު ކުރުމުން މަނިކު ބުނީ "ބިދޭސީއެއް ގެންގުޅޭ ނަމަ ވަރަށް ފަސޭހަ، އަނެއް ކޮޅުން ދަނޑުވެރި ކަމަކީ ވަރަށް ބުރަކަމެއް، ބިދޭސީއެއް ނުގެންގުޅޭ ނަމަ ރެސްޓެއް ނުލިބޭނެ"' ކަމަށެވެ.
ތޮއްޑޫގެ ދަނޑެއްގައި ބިދޭސީއެއް މަސައްކަތް ކުރަނީ-- ސަން ފޮޓޯ: ޔޫސުފް ސޮއްފާން

ބިދޭސީން އިތުރުވާން ޖެހޭ އެހެން ސަބަބެއް ވެސް މަނިކު ފާހަގަ ކުރި އެވެ. ދަނޑުވެރިކަމުގައި މަދުން ނަމަވެސް ޒުވާނުން ހަރަކާތްތެރިވި ނަމަވެސް ގިނަ ޒުވާނުން ދަނޑުވެރިކަމުގައި ހަރަކާތްތެރި ނުވާ ކަމަށް މަނިކު ބުންޏެވެ.

ތޮއްޑޫގައި މީގެ ކުރިން ބިދޭސީންގެ މައްސަލަތައް ވަރަށް ބޮޑުވި އެވެ. އޭރު އެ ރަށުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީންނަކީ ހުއްދަނެތި ރާއްޖޭގައި މަސައްކަތް ކުރި ބިދޭސީންނެވެ. ތޮއްޑޫ ކައުންސިލާއި އިމިގްރޭޝަން އާއި ފުލުހުން ކުރި މަސައްކަތުން ވަނީ 300 އަށް ވުރެ ގިނަ ބިދޭސީން އެ ރަށުން ފޮނުވާލައިފަ އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް ވިދާޅުވި ގޮތުގައި އެ ރަށުން ބިދޭސީން ފޮނުވާލި އިރު އެ ރަށުގެ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައި ގިނަ ދިވެހިން ހަރަކާތްތެރިވި އެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް ބިދޭސީން އެރަށަށް ގެންނަލެއް އިތުރުވަމުން އަންނަ ކަމަށް ހަސަން ވިދާޅުވި އެވެ.

ތޮއްޑުގެ ދަނޑުވެރިކަމަކީ ދިވެހިން އެކަމަކަށް ޓަކައި ފަހުރުވެރިވާ ކަމެކެވެ. އެއީ ދިވެހިންތަކެއްގެ ބުރަ މަސައްކަތުން އެރަށަށް ހޯދާދީފައިވާ ރީތި ނަމެކެވެ. ނަމަވެސް މިއަދު މިވަނީ އެ ދަނޑުވެރިކަން ވެސް ބިދޭސީންގެ އައްމައްޗަށް ގޮސްފަ އެވެ.