29 Jun 2014, 10:33
ބެންކޮކް (ޖޫން 29): ތައިލެންޑްގައި 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުންއާންމު އިންތިޚާބެއް ބާއްވައިގެންޑިމޮކްރެޓިކް ވެރިކަން އަލުން އިއާދަކުރަން ހަމަޖެހިފައިވާ ކަމަށް އެގައުމުގައި ވެރިކަންކުރާ އަސްކަރީ މަޖިލީހުން ހާމަކޮށްފި އެވެ.
ތައިލެންޑްގެ އަސްކަރީ ވެރިޔާ އަދި ސިފައިންގެ ޗީފް އޮފް ސްޓާފްޖެނެރަލް ޗާން އޮޗާ ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމު އަލުން އަނބުރައި އިއާދަ ކުރުމަށް ރައްޔިތުންނަށް ވައުދުވެ ވަޑައިގަންނަވާ ކަމަށާ ނަމަވެސް އެކަން ކުރެވޭނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން ކަމުގަ އެވެ. ތައިލެންޑްގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމާ ދެކޮޅަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ދެތިން މަސް ވަންދެން ހުއްޓުމެއްނެތި ކުރަމުންގެން ދިޔަ މުޒާހަރާތަކާއި އިހްތިޖާޖްތަކާ އެކު ގައުމު ހަލަބޮލިވެ އިގްތިސާދަށް ނުރައްކާވާ ހިސާބަށް ކަންތައްތައް ދިޔުމުން ޖެނެރަލް ޗާން އޮޗާގެ ކޮމާންޑްގެ ދަށުން ތައިލެންޑްގެ ސިފައިން މަގުތަކަށްނުކުމެ އެގައުމުގެ ޑިމޮކްރެޓިކް ސަރުކާރު ވައްޓާލައި އަސްކަރީ އިންގިލާބެއް ގެނަސްފައި ވަނީ މިދިޔަ މޭމަހުގެ 22 ވަނަ ދުވަހު އެވެ.
ޢަސްކަރީ އިންގިލާބަށް ފަހު ތައި ސިފައިން ވަނީ ދަސްތޫރަށް އަމަލުކުރުން ހުއްޓާލުމަށް ފަހު މުޅި ގައުމުގައި ޢަސްކަރީ ގާނޫނު ހިންގަން ފަށާފަ އެވެ. މި ގާނޫނުގެ ދަށުން ތައި ސިފައިން އެގައުމުގެ ކުރީގެ ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބައެއް އިސް ލީޑަރުންނާއި އިންގިލާބާ އިދިކޮޅު ބައެއް ފަރާތްތައް ހައްޔަރުކުރި ނަމަވެސް މީގެތެރެ އިން ގިނަ ބަޔަކު ފަހުން ވަނީ މިނިވަންކޮށްފަ އެވެ. އަސްކަރީ އިންގިލާބަށް ފަހު ތައިލެންޑްގެ ވެރިކަން ކުރަމުންގެން ދަނީ އަސްކަރީ ޖެނެރަލުން އެކުލެވޭ އިންގިލާބީ ކައުންސިލެއް ކަަމަށްވާ "ނެޝަނަލް ކައުންސިލް ފޯ ޕީސް އެންޑް އޯޑާ" ކައުންސިލުންނެވެ.
މިކައުންސިލްގެ ވެރިއަކީ ވެސް އަދި ސިފައިންގެ ވެރިއަކީ ވެސް ޖެނެރަލް ޗާން އޮޗާ އެވެ. ތައިލެންޑްގެ ރޭޑިޔޯއާއި ޓީވީ މެދުވެރިކޮށް ރޭ ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި ޖެނެރަލް ޗާން އޮޗާ ވިދާޅުވީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހަށް ފަހު އަލުން އިންތިޚާބެއް ބާއްވައިގެން ޑިމޮކްރެޓިކް ވެރިކަމެއް ގާއިމް ކުރެވެންދެން ތައިލެންޑްގައި ވެރިކަން ކުރާނީ ވަގުތީ ސަރުކާރަކުން ކަމަށާ މި ސަރުކާރުގެ ކެބިނެޓް އަންނަ ޖުލައި މަހު އެކުލަވާލައި ވެރިކަމާ ހަވާލުވާނެ ކަމުގަ އެވެ.
މިދިޔަ މޭމަހުގެ 22 ވަނަ ދުވަހު ތައި ސިފައިން ގެނައި އަސްކަރީ އިންގިލާބަކީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ދުރާލައި ރާވައިގެން ގެނައި އަސްކަރީ އިންގިލާބެއް ކަމަށް މަގާމުން ދުރުކޮށްފައިވާ އެގައުމުގެ ސިޔާސީ ލީޑަރުން ތުހުމަތު ކުރެއްވި ނަމަވެސް ޖެނެރަލް ޗާން އޮޗާ ވަނީ މިކަން ދޮގުކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)