ކަރައަކީ މުސްކުޅިވުން ލަސްކޮށްދިނުމާއި ހަންގަނޑުގައި ރޫޖެހުން ކުޑަކޮށްދީ ހަންގަނޑު ރީތިކޮށްދިނުމާއި ކިޑްނީގެ ބަލިތަކުން ސަލާމަތް ކޮށްދިނުމާއި ލޭގެ ޕްރެޝަރު ދަށްކޮށްދިނުން ފަދަ ސިއްޙީ ފައިދާތައް އާދަޔާ ޚިލާފަށް ބޮޑު މޭވާއެކެވެ. ކަރާގެ ފައިދާއާ ބެހޭ ގޮތުން ކޮށްފައިވާ ދިރާސާތައް ބުނާ ގޮތުން ކަރައަކީ ނުބައި ކޮލެސްޓްރޯލް ދަށްކޮށްދިނުމާއި ލޭހޮޅިތައް ސާފުކޮށްދިނުމުގައި ވެެސް މުހިއްމު ދައުރެއް އަދާކޮށްދޭ އަދި ކިޑްނީ އާއި ކުޑަކަމުދާ ހޮޅިތަކާއި ބްލެޑާރ ސާފުކޮށްދިނުމުގައި ދެވަނައެއްނެތް މޭވާއެކެވެ.

ކަރައާބެހޭ ގޮތުން ކޮށްފައިވާ ދިރާސާތައް ބުނާ ގޮތުން ކަރާގެ ބައިތަކުގެ ތެރެއިން އެންމެ ފައިދާ ބޮޑީ އޭގެ އޮށުގަ އެވެ. ކަރާގެ އޮށުގައި ވިޓަމިން ބީ ގްރޫޕްގައި ހިމެނޭ ބާވަތްތައް ކަމަށްވާ އަލްޕްބޮފްލޭވިން، ނިޔަސިން، ތިޔަމިން، އަލްބަންޓޯޓިނިކް އެސިޑް އަދި ފޯލިކް އެސިޑް ގިނަ އަދަދަކަށް ހިމެނެ އެވެ. މިއީ ހިތާއި ހަޖަމުކުރުމުގެ ނިޒާމަށާއި ނާވަސް ސިސްޓަމަށާއި އިމިއުން ސިސްޓަމުގެ ސިިއްހަތަށް ވަރަށް ފައިދާ ބޮޑު މާއްދާތަކެކެވެ. އަދި ކަރާގެ އޮަށުގައި އަމީނޯ އެސިޑް ގިނަ އަދަދަކަށް އެކުލެވޭ ޕްރޮޓިން ވެސް ވަރަށް ގިނަކަމަށް ވެ އެވެ.

އަމީނޯ އެސިޑް އެކުލެވޭ ޕްރޮޓިން އަކީ ހަށިގަނޑަށް ވަރަށް ފައިދާބޮޑު މާއްދާއެކެވެ. މީގެ އިތުރުން ކަރާގެ އޮށުގައި އަންސެޓުރޭޓެޑް ފެޓީ އެސިޑް ވެސް ގިނަ އަދަދަކަށް ހިމެނެ އެވެ. އަންސެޓުރޭޓެޑް ފެޓީ އެސިޑަކީ ހިތާއި ނާރުތަކުގެ ބަލިން ސަލާމަތް ކޮށްދިނުމުގައާއި ހަންގަނޑު ރީތިކޮށްދިނުމާއި މުސްކުޅިވުން ލަސްކޮށްދިނުން ފަދަ ކަންކަމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާއެއް ކަމަށް ސިއްޙަތާ ބެހޭ ތަޖްރިބާކާރުން ބުނެ އެވެ.

ކަރާގެ އޮށުގައި ހިމެނޭ ސިއްޙަތަށް ފައިދާ ހުރި އެހެން މާއްދާތަކުގެ ތެރޭގައި ފޮސްފެރަސް، ޕޮޓޭޝިޔަމް، މެގްނެސިޔަމް، މެގްނީޒް، ކޮޕާ އަދި ޒިންކްވެސް ހިމެނެ އެވެ. މީގެ ތެރެއިން ފޮސްފެރަސް އަކީ ކަށި ވަރުގަދަކޮށް ކަށީގެ ބަލިތަކުން ސަލާމަތް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާއެކެވެ. ޕޮޓޭޝިޔަމް އަކީ ލޭގެ ޕްރެޝަރު މައްޗަށް ދިޔަނުދީ ހިފަހައްޓާ މާއްދާއެކެވެ. މެގްނެސިޔަމް އަކީ ހިތުގެ ސިއްހަތަށް މުހިއްމު މާއްދާއެކެވެ. ކަރާގެ އޮށުގައި ގިނައިން މެގްނިސިޔަމް އެކުލެވޭތީ ކަރާގެ އޮތް ކެއުމަކީ ހިިތާއި ސިކުނޑިއަށް ސްޓްރޯކް ޖެހުމުގެ ފުރްސަތު ކުޑަކޮށްދޭ ކަމަށްވެ އެވެ. ކޮޕާ އަކީ އިސްތައްޓަށާއި ހަމުގެ ސިއްހަތަށް މުހިއްމު މާއްދާއެކެވެ. އެހެންކަމުން ކަރާ ކެއުމުގެ އިތުރުން ކަރާގެ އޮށްވެސް އުކާނުލައި ކެއުމަށް ޑައިޓިޝަނުން (ކާބޯތަކެއްޗާބެހޭ ތަޖްރިބާކާރުން) ލަފާދެއްވަ އެވެ.

ކަރައަކީ ގިނަ އަދަދަކަށް ފެންވެސް އެކުލެވޭ މޭވައަކަށް ވާތީ ކަރާ ކެއުމުން ހަޖަމުގެ ނިޒާމް ރަނގަނޅުވެ މައިދާ ސާފުވެ ބަނޑުހަރުވުުމުން ސަލާމަތްކޮށްދީ ޗިސްމޭގެ ސިއްޙަތު ސަލާމަތް ކޮށްދިނުުމުގެ އިތުރުން ހަމަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ކަރައާބެހޭ ދިރާސާތައް ބުނެ އެވެ. ކަރާގައި ގިނަ އަދަދަކަށް ލިކޮޕީން ހިމެނޭ އިރު އެއީ ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ ވަރަށް މުހިއްމު އެންޓި އޮކްސިޑެންޓެއް ކަމަށް ދިރާސަތައް ބުނެ އެވެ. މީގެއިތުރުން ކަރައަކީ "ވިޓަމިން ބީ 9" ވެސް ވަރަށް ބޮޑަށް އެކުލެވޭ މޭވާއަކަށްވާ އިރު އެއި މާބަނޑު މީހުންގެ ބަނޑުގައިވާ ދަރިފުޅު އައިބުތަކުން ސަލާމަތްކޮށް ދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާއެއް ކަަމަށް ޑޮކްޓަރުން ބުނެ އެވެ. ކަރާގެ ތެރެއިން އެންމެ ފައިދާ ބޮޑީ ރަތްކަރާ ކަމަށް ވެސް ޑައިޓިޝަނުން ބުނެ އެވެ. (ފުޑް އެންޑް ނިއުޓްރިޝަން)