ޖޭމްސް ރޮޑްރިގޭޒް ޖަހައިދިން ދެލަނޑުން 2-0 އިން ޔުރުގުއާއީ މައްޗަށް ކުރި ހޯދައި، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ ޖާގައެއް ފުރަތަމަ ކޮލަމްބިއާ ހޯދައިފި އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ ހަމަލާތަކެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ އޭއެސް މޮނާކޯއަށް ކުޅޭ މިޑްފީލްޑަރު ކޮލަމްބިޔާއަށް ކުރި ހޯދައިދިނީ މެޗުގެ 28 ވަނަ މިނިޓްގައި އާދަޔާ ހިލާފު ރީތި ލަނޑެއް ކާމިޔާބުކޮށްގެންނެވެ. ޔުރުގުއާއީގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ރޮޑްރިގޭޒްގެ މެޔަށް ލިބުނު ބޯޅަ ފައިމައްޗަށް ވައްޓާލުމަށް ފަހު ގޯލް ތެރެއަށް ފޮނުވައިލީ ވަރަށް ހިތްގައިމު ކޮށެވެ. އެ ލަނޑަކީ އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑެވެ. އަދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އިތުރުން މި މުބާރާތުގައި މިހާތަނަށް އޭނާ ކުޅުނު ހުރިހާ މެޗެއްގައި ލަނޑު ޖެހުމުގެ ޝަރަފު ވެސް ރޮޑްރިގޭޒް ވަނީ ހޯދައިފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނިޓުގައި ކޮލަމްބިޔާގެ ދެވަނަ ލަނޑު ރޮޑްރިގޭޒް ކާމިޔާބުކޮށްދިނީ ޕަބްލޯ އާމެރޯ ޔުރުގުއާއީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ހުއާން ކުއަޑްރާޑޯއަށް ހުރަސްކޮށްލި ބޯޅަ ކުއަޑްރާޑޯ ބޮލުން ޖަހައި ގޯލް ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ކަނާތު ފަޔަށް ހެޔޮވަރުކޮށްލާފައި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ރޮޑްރިގޭޒް މިރޭ ކާމިޔާބުކުރި ދެ ލަނޑާއެކު މުބާރާތުގައި މިހާތަނަށް ޖުމުލަ ފަސް ލަނޑު ކާމިޔާބުކޮށް އޭނާ ވަނީ، މިވަގުތަށް ބްރެޒިލް 2014ގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމުގައެވެ.

މިރޭގެ މެޗުގައި ޔުރުގުއާއީ އަށް އިތުރު އުނދަގޫތަކެއް ތަހައްމަލުކުރަން ޖެހިގެން ދިޔައީ ލުއިސް ސުއަރޭޒްގެ ބަދަލުގައި ކުޅެން އެރުވި ފޯވާޑު، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމްހޯދި ޑިއެގޯ ފޯލާންއަށް މެޗުގައި ރަނގަޅު ކުޅުމެއް ނުދެއްކުމުގެ ސަބަބުން 53 ވަނަ މިނިޓުގައި އޭނާ ބަދަލުކުރަން ޖެހުމުންނެވެ. މި ވޯލްޑް ކަޕް ވެގެންދާނީ ޖަޕާނުގެ ސެރެޒޯ އޮސާކާއަށް ކުޅޭ، މިހާރު އުމުރުން 35 އަހަރު ވެފައިވާ ފޯވާޑްގެ ފަހު ވޯލްޑް ކަޕަށެވެ.

ފީފާއިން ސަސްޕެންޑް ކޮށްފައިވާ "ދަތްއަޅާ ފޯވާޑް" ސުއަރޭޒްއާ ނުލައި މިފަހަރުގެ ވޯލްޑް ކަޕްގައި ޔުރުގުއާއީ ކުޅުނު ދެމެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އެގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކޮސްޓަ ރިކާއާ ދެކޮޅަށް ޔުރުގުއާއީ ކުޅުނު މެޗުން އެޓީމު ބަލިވީ 3-1 ލަނޑުންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ކޮލަމްބިއާ ވާދަކުރަން ޖެހޭނީ، މުބާރާތް ބާއްވާ ގައުމު ބްރެޒިލްއާ އެވެ. ކުއާޓާގައި މިދެޓީ ވާދަކުރާ މެޗު ކުޅޭނީ ޖުލައި ހަތަރު ވަނަ ދުވަހު ފޯޓަލޭޒާގައެވެ.