09 Jan 2011, 10:18
ސެންޓިޔާގޯ : ފަލަސްތީނަކީ މިވަން މުސްތަޤިއްލު ދައުލަތެއް ކަމަށް ދެކުނު އެމެރިކާގެ ބޮޑު ޤައުމެއް ކަމަށްވާ ޗިލީން ބަލައިގެންފިއެވެ. ޗިލީގެ ޚާރިޖީ ވަޒީރު އަލްފްރެޑޯ މެރީނޯ އިއްޔެ ވިދާޅުވީ ހުޅަނގު އައްސޭރިއާއި ޣައްޒާހިމެނޭގޮތަށް ފަލަސްތީނަކީ މިނިވަން ދައުލަތުގެ ގޮތުގައި ރަސްމީ ސިފައެއްގައި ޗިލީން އިޢްތިރާފް ވެއްޖެ ކަމުގައެވެ. މިއީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވި ލެޓިން އެމެރިކާގެ 9 ވަނަ ޤައުމެވެ. މި 9 ޤައުމުގެ ތެރޭގައި ލެޓިން އެމެރިކާގެ އެންމެ ބާރުގަދަ އަދި އެންމެ ބޮޑު ޤައުމުކަމަށްވާ ބްރަޒީލްގެ އިތުރުން އާޖެންޓީނާ، އުރުގުއޭ، ބޮލީވިޔާ، ކޮސްޓަރީކާ، ނިކަރާގުއާ ވެނެޒުއެލާ އަދި ކިޔުބާ ހިމެނެއެވެ.
ލެޓިން އެމެރިކާގެ އިތުރުން އޭޝިޔާއާއި އެފްރިކާގެ އެތަށް ޤައުމަކުން ވަރަށް ކުރީގައިވަނީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ހުރިހާ ބިމެއް ހިމެނޭގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އިޢްތިރާފްވެފައެވެ. އަދި ކުރިޔަށްއޮތް ދުވަސްތަކުގައި ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަކުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވާނެ ކަމަށް މުރާސިލުން ލަފާކުރެއެވެ. ފަލަސްތީނުގެ ހުރިހާ ބިންތަކެއްވަނީ އިސްރާއީލުގެ އިސްތިޢްމާރާ އަޅުވެތި ކަމުގެ ދަށުގައެވެ. އަދި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ގޮވާލާ އދ. ގެ ޤަރާރުތައް ތަންފީޒު ކުރުމަށްވެސް ދެކޮޅުހަދައި އިސްރާއީލު ގެންދަނީ ދާއިމީ ގޮތަކަށް މިބިންތައް އަތްދަށުލުމަށްޓަކައި ދުނިޔޭގެ އެކިޤައުމުތަކުން ޔަހޫދީން ގެނަސްގެން އެބިންތަކުގައި ވަޒަންވެރި ކުރުވުމުގެ އިސްތިޢްމާރީ ޙަރަކާތްތަކެއް ހިންގަމުންނެވެ.
ދުނިޔޭ ގެ ޤައުމުތަކުން ފަލަސްތީނުގެ މިނިވަންދައުލަތަކަށް އިޢްތިރާފްވުމަކީ ފަލަސްތީނުގެ ހުރިހާ ބިންތަކެއް ވެރިކޮށްލުމަށް އިސްރާއީލު ކުރާ ޣައިރު ޤާނޫނީ މަސައްކަތަށް ހުރަސްއެޅި އިސްތިޢްމާރީ އުސޫލުތައް ދޫކޮށްލުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތިވެގެންދާނެ ކަމެއް ކަމަށް ވާތީ އިސްރާއީލުންވަނީ މިކަމާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ.