ވޯލްޑް ކަޕުގެ ގްރޫޕް ޑީގެ ފަހު މެޗުގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުރުގުއާއީ ތަރި ލުއިސް ސުއަރޭޒް "ދަތް އެޅި" މައްސަލައިގައި ފީފާ އިން އޭނާ އަށް ފިޔަވަޅު އެޅުމުން ޔުރުގުއާއީގެ ކޯޗު އޮސްކާ ތަބަރޭޒް، ފީފާގެ ސްޓްރެޓީޖިކް ކޮމިޓީން އިސްތިއުފާ ދީފި އެވެ.

މިދިޔަ އަންގާރަ ދުވަހު ކުޅުނު މެޗުގައި އިިޓަލީ ޑިފެންޑަރު ޖޯޖިއޯ ކިއެލިނީގެ ކޮނޑުގައި ދަތް އެޅިކަން ސާބިތުވެ، ފީފާ އިން ސުއަރޭޒް ވަނީ ކުޅިވަރުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ހަތަރު މަހަށް ސަސްޕެންޑް ކޮށްފަ އެވެ. މި ސަސްޕެންޝަނާއި ގުޅިގެން މިހާރު ބްރެޒިލްގައި ކުރިއަށްދާ ވޯލްޑް ކަޕް، ސުއަރޭޒް އަށް ވަނީ ނިންމާލަން ޖެހިފަ އެވެ.

މި މައްސަލައާއި ގުޅިގެން "ރުޅިގަދަ"ވެފައި ހުރި ކޯޗު ތަބަރޭޒް ބުނީ، މި މައްސަލަ ފީފާ އިން ނިންމީ އިނގިރޭސި މީޑިއާގެ ޕްރެޝަރާއި ގުޅިގެން ކަމަށެވެ.

"ޕްރެޝަރެއްގެ ސަބަބުން ފީފާ އިން ނިންމި ނިންމުން އިންސާފުވެރިއެއް ނޫން. އެ މައްސަލަ ފީފާ އިން އެހާ ބޮޑަށް ބަލާފައެއް ވެސް ނުވޭ. އެހެންކަމުން އަހަރެން ފީފާގައި އަދާކުރާ ވަޒީފާއިން އިސްތުއުފާ ދީފިން،" އޭނާ ބުންޏެވެ.

ފީފާއިން ސުއަރޭޒްގެ މައްޗަށް ކުރި ހަތަރު މަހުގެ ސަސްޕެންޝަންގައި އޭނާ އަށް އެއްވެސް ސްޓޭޑިއަމް އަކަށް ވެސް ނުވަދެވޭނެ އެވެ. އަދި 111853 ޑޮލަރު ދެއްކުމަށް ފީފާއިން ވަނީ ސުއަރޭޒްގެ މައްޗަށް އަމުރުކޮށްފަ އެވެ.

މި ވޯލްޑް ކަޕުގައި ހިނގި ހާދިސާގެ ކުރިން ވެސް ސުއަރޭޒް ވަނީ ދެ ފަހަރަކު ދެ ކުޅުންތެރިއެއްގެ ގައިގައި ދަތް އަޅައިފަ އެވެ. މިދިޔަ އަހަރު އޭނާ ޗެލްސީގެ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް ގައިގައި ދަތް އެޅި އިރު، 2010 ވަނަ އަހަރު ޕީއެސްވީގެ އޮޓްމަން ބަކާލްގެ ގައިގައި ވެސް ވަނީ ދަތް އަޅައިފަ އެވެ.