ވޯލްޑް ކަޕްގައި ގާނާ އިން ދެއްކި ދަށް ކުޅުމާ ގުޅިގެން އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު މަގާމުން ދުރުކޮށްފި އެވެ.

އޭނާ މަގާމުން ދުރުކުރީ ގާނާގެ ރައީސް، ޖޯން މަހާމާ އެވެ. ގާނާގެ ރައީސްގެ އެ ނިންމުމަކީ ވޯލްޑް ކަޕުގައި އެ ގައުމުގެ ފުޓްބޯޅަ ޓީމު ގްރޫޕް ޖީގެ އެންމެ ފުލުގައި އޮވެ ނިންމާލަން ޖެހުމުންނެވެ. ދަނޑުމަތީގައި ދެއްކި ދަށް ކުޅުމުގެ ސަބަބުން އެ ޓީމަށް މި މުބާރާތް ނިންމާލަން ޖެހުނީ ލިބުނު އެންމެ ޕޮއިންޓަކާއެކު އެވެ.

ގާނާ ޓީމުން ދެއްކި ދަށް ކުޅުމުގެ އިތުރުން އެ ޓީމުގެ ފަރާތުން ގިނަ މައްސަލަތަކެއް ފެންމަތިވި އިރު، އެންމެ ފާހަގަކޮށްލެވެނީ އެ ޓީމުގެ 23 ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލަ އެވެ. ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗާ ކުރިމަތިލީ އިރު، ގާނާގެ ސުލޭ މުންތާރީ އަދި ކެވިން ޕްރިންސް ބޯޓެންގް ރަށަށް ފޮނުވާލައިފައި ވެ އެވެ.

ގާނާގެ ރައީސް މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުޅިވަރާ ބެހޭ ވަޒީރު، އެލްވިސް އަލްފިރިޔީ އަންކްރާގެ މަސްއޫލިއްޔަތު އަދާކުރާނީ އެ އިދާރާގެ ޑެޕިއުޓީ މިނިސްޓަރު، ޖޯސެފް ޔާމިން ކަމަށެވެ.

ސައުތު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ގާނާ މިފަހަރުގެ މުބާރާތުން ކަޓައިގެން ދިޔައީ ފަހު މެޗުގައި 2-1 ލަނޑުން ޕޯޗުގަލް އަތުން ބަލިވެގެންނެވެ.